ނ. ކެނދިކުޅުދޫ ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް އައިޝަތު ބަޝާރާ ވަހީދާއި ފާތިމަތު ހާދިމާ ހޮވިއްޖެ އެވެ.

އެރަށު އިޖްތިމާއީ މަރުކަޒުގައި ރޭ ބޭއްވި އެ ސްކޫލުގެ މިދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި، ސެކަންޑަރީން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ވ. އަކަރަކަރާ، ބަޝާރާއަކީ މިދިޔަ އަހަރު އެ ސްކޫލުގެ ކެޕްޓަނެވެ. އަދި އޭނާ އަކީ މިދިޔަ އަހަރު އެ ސްކޫލުގެ ފަރާތުން އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ނަތީޖާއެއް ހޯދި ދަރިވަރެވެ.

ނ. ކެނދިކުޅުދޫ ސްކޫލުން މިދިޔަ އަހަރު ހަޔާ ސެކަންޑަރީން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ފާތިމަތު ހާދިމާ އަށް ރޭގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު އެވޯޑް ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ އަލީ އާތިފް

ރަސްމިއްޔާތުގައި ހަޔާ ސެކަންޑަރީން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ކެނދިކުޅުދޫ އަސްމާގެ، ހާދިމާ ވަނީ މިދިޔަ އޭލެވެލް އިމްތިހާނުގައި ގައުމީ ގަދަ10ގެ އެއް ވަނަ ހޯދާފައެވެ. އަދި އޭލެވެލް އިމްތިހާނުގެ ގައުމީ ގަދަ10ގައި ހިމެނުނު އެ ސްކޫލުގެ ފުރަތަމަ ދަރިވަރުގެ ޝަރަފް ވެސް ހޯދާފައިވަނީ އޭނާ އެވެ.

އެ ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ރޭގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވި، ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފެވެ.

މީގެ 48 އަހަރު ކުރިން ހުޅުވައި ކިޔަވައިދެމުންދާ ކެނދިކުޅުދޫ ސްކޫލުގައި މިހާރު ފައުންޑޭޝަނުން ފެށިގެން ގްރޭޑް 12 އަށް ކިޔަވައިދެމުންދާއިރު، މިއަހަރު 400 ދަރިވަރުން އެ ސްކޫލުގައި ކިޔަވަމުންދެ އެވެ.

ނ. ކެނދިކުޅުދޫ ސްކޫލުގެ މިދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެވޯޑް ލިބުނު ދަރިވަރަކަށް އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އައިޝަތު ރަފިއްޔާ އެވޯޑް ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ އަލީ އާތިފް

ކެނދިކުޅުދޫ ސްކޫލުން މިދިޔަ އަހަރު 10 ދަރިވަރަކާ، ދަސްވާރު ޕްރޮގްރާމުގައި ކިޔަވާ ހަ ދަރިވަރަކު ވަނީ އޯލެވެލް އިމްތިހާނުގައި ބައިވެރިވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތަކީ 59 ޕަސެންޓެވެ. އެއީ މިދިޔަ އަހަރާ އަޅައިބަލާއިރު 13 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް އެ ސްކޫލުން ބުނެ އެވެ.

އޭލެވެލް އިމްތިހާނުގައި ކެނދިކުޅުދޫން މިދިޔަ އަހަރު 18 ދަރިވަރުން ބައިވެރިވި އިރު، އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 68 ޕަސެންޓް ދަރިވަރުން ވަނީ އިމްތިހާނުން ފާސްވެ، މިދިޔަ އަހަރާ އަޅައިބަލާއިރު 28 ޕަސެންޓްގެ ކުރިއެރުމެއް ހޯދާފައެވެ.

ނ. ކެނދިކުޅުދޫ ސްކޫލުގެ މިދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެވޯޑް ލިބުނު ދަރިވަރަކަށް އެމްޓީސީސީގެ ޗެއާމަން ހުސައިން ސާލިމް އިނާމު ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ އަލީ އާތިފް

އޭލެވެލްގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ގައުމީ ގަދަ10ގައި ކެނދިކުޅުދޫ ސްކޫލުގެ ތިން ދަރިވަރުން ހިމެނިފައިވެ އެވެ.

އެ ދަރިވަރުންނަކީ އޭލެވެލް ގަދަ10ގެ އެއްވަނާގައި ހިމެނުނު، ހަޔާ ސެކަންޑަރީން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށް ހޮވުނު ހާދިމާ އާއި އޭލެވެލް ގަދަ10ގެ ދެވަނައިގާ ހިމެނުނު ފާތިމަތު މާޝާ އަދި އަށް ވަނައިގައި ހިމެނުނު އަލީ އަމީރެވެ.