ޅ. ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ގާއިމު ކުރުމާއި ތ. ވޭމަންޑޫގައި ނަރުދަމާގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިނޭންސުން މިއަދު ސަރުކާރުގެ ގެޒެޓުގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ މަސައްކަތް ކުރެވޭނެ ގާބިލިއްޔަތު ހުރި، ރާއްޖެއާ ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އެ މަސައްކަތް ހުޅުވާލާފައިވާ ކަމަށެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އާއި، އޯޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދިވެހި ސަރުކާރަށް ލޯނު އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ކުރާ އެ މަސައްކަތުގެ ތެރޭގައި ހިމެނެނީ ޅ. ނައިފަރުގައި ނަރުދަމާ ވިޔުގަ ޤާއިމުކުރުމާއި، ސުވޭޖް ޓްރީޓްމަންޓް ޕްލާންޓު ޤާއިމުކުރުމާއި، ފެނުގެ ވިޔުގަ އެޅުމާއި، ސްޓޯރޭޖް ޓޭންކު ޤާއިމުކުރުމުގެ މަސައްކަތެވެ. އަދި ތ. ވޭމަންޑޫގައި ނަރުދަމާ ވިއުގަ ޤާއިމުކުރުމާއި ސުވޭޖް ޓްރީޓްމަންޓް ޕްލާންޓު ޤާއިމުކުރުމާއި، މި ތަންތަން ބެލެހެއްޓުމުގެ މަސައްކަތްކުރާނެ އެޑްމިނިސްޓްރޭޓިވް އިމާރާތެއް ގާއިމުކުރުން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ފިނޭންސުން ބުނީ އެ މަޝްރޫޢުގެ މަސައްކަތްތަކުގެ ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި އަމަލުކުރާނީ، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ ފައިނޭންސިންގެ ދަށުން ގާއިމުކުރެވިފައިވާ ގުޑްސް އަދި ވޯކްސް ގައިޑްލައިންގައި ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.

ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ އެވެ. ފައިސާ ބަލައިގަންނާނީ މާދަމާއިން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހާއި ހަމައަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30އިން މެންދުރު 1:30އަށް ކަމަށް ވެސް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެ އެވެ.

އެ މަސައްކަތުގެ ޕްރީބިޑު އޮންނާނީ މި މަހުގެ 26ވަނަ ދުވަހުގެ މެންދުރު 1:00ގައެވެ.

ފިނޭންސުން ބުނީ އެ މަސައްކަތުގެ ބިޑު ސެކިއުރިޓީގެ ގޮތުގައި ތިން ލައްކަ ޑޮލަރު ހުށަހަޅަންޖެހޭނެކަމަށެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

އެ މިނިސްޓްރީން ބުނީ ބީލަމުގެ މުއްދަތަކީ ބީލަން ހުޅުވާ ދުވަހުން ފެށިގެން 120 ދުވަސް ކަމަށެވެ. ބީލަން ހުޅުވުން އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހުގެ ހެނދުނު 11:00ގައެވެ.