ވޮޝިންޓަން(އޮކްޓޯބަރު 9): އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ޑޮނަލްޑް ޓްރަމްޕް، އަންހެނުންނާ ބެހޭ ގޮތުން ދެއްކެވި ދަށު ދަރަޖައިގެ ވާހަކަތަކެއްގެ ވީޑިއޯ ރިކޯޑިންއެއް ލީކުވުމާ ގުޅިގެން އޭނާ ރިޔާސީ ރޭހުން ވަކިވުމަށް ގިނަ ބަޔަކު ގޮވާލަމުން ދިޔަ ނަމަވެސް ރިޔާސީ ރޭހުން ވަކިނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހު އެމެރިކާގެ ވޮޝިންޓަން ޕޯސްޓާއި އެންބީސީން ލީކު ކޮށްލި ވީޑިއޯއެއްގައި، 2005 ވަނަ އަހަރު ޓްރަމްޕް ޓީވީ ޕްރޮގްރާމަކަށް އަރާ ދެއްކެވި ވާހަކަތަކުގެ ތެރޭގައި، އޭނާއަކީ "ސްޓާ" އެއް ކަމުން އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރެވޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

އެ ޓޭޕު ލީކު ކޮށްލި ފަހުން ރިޕަބްލިކަން ޕާޓީގެ 10 ސެނެޓަރުން ވަނީ ރިޔާސީ އިންތިހާބުގައި ޓްރަމްޕަށް ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރިޕަބްލިކަން ޕާޓީގެ ބައެއް އިސް ފަރާތްތަކުން ވަނީ ޓްރަމްޕް ރިޔާސީ ރޭހުން ވަކިވުމަށް ގޮވާލާފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ކޮންޑޮލީޒާ ރައީސް ވެސް ހިމެނެ އެވެ.

ނަމަވެސް އެ ފާޑު ކިޔުންތަކާ ގުޅިގެން ރިޔާސީ ރޭހުން ވަކި ނުވާނެ ކަމަށް ޓްރަމްޕް ވަނީ ޓުވިޓާގައި ވިދާޅުވެފައެވެ. އަދި ވޯލް ސްޓްރީޓް ޖާނަލްއަށް ދެއްވި އިންޓަވިއުއެއްގައިވެސް ޓްރަމްޕް ވަނީ އޭނާ ރިޔާސީ ރޭހުން ވަކިވުމުގެ އެއްވެސް ފުރަސަތެއް ނެތް ކަމަށާއި އޭނާއަށް "ގަބޫލު ނުކުރެވޭ މިންވަރަށް ތާއިދު ކުރަމުންދާ" ކަމަށް ވިދާޅުވެފައެވެ.

އެވީޑިއޯ ލީކުކޮށްލި ފަހުން ޓްރަމްޕް ވަނީ ފޭސްބުކް މެދުވެރިކޮށް އޭނާގެ ބަސްތަކަށް މާފަށް އެދިވަޑައިގެންފައެވެ. އަދި އެއީ އޭނާގެ "ބަސްތަކެއް ކަމަށްވިޔަސް އެއީ އޭނާގެ ގޮތް ނޫން" ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މާފަށް އެދި، ވީޑިއޯގައި އޭނާ ވަނީ އެމެރިކާގެ ރައީސް ބިލް ކްލިންޓަން އާއި އަނބިކަނބަލުން ހިލަރީ ކްލިންޓަން ވަނީ އަންހެނުންނަށް އަނިޔާކޮށްފައި ކަމަށް ވިދާޅުވެފައެވެ. އަދި އެވާހަކަތައް ކުރިއަށް އޮތް ރިޔާސީ ބަހުސްގައި ދައްކަވާނެ ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ދެވަނަ ރިޔާސީ ބަހުސް އޮންނާނީ މިރޭ އެވެ. އަދި ރިޔާސީ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ ނޮވެމްބަރު އަށެއްގައެވެ. (ބީބީސީ)