08 Jun 2011, 08:26
ރިޔާޒް : ސަޢޫދީ އަރަބިޔާގައި ފަރުވާ ހޯއްދަމުން ގެންދަވާ ޔަމަންގެ ރައީސް ޢަލީ ޢަބްދުﷲ ސާލިޙް ގެ ހަށިކޮޅުގެ 40 ޕަސެންޓް ފިހިފައިވާ ކަމަށް އެމެރިކާގެ ޑިޕްލޮމެޓިކް ދާއިރާތަކާ ޙަވާލާދީ ސީ.އެން.އެން. ބުނެފިއެވެ.
ނަންހާމަކުރަން ނޭދޭ އެމެރިކާގެ ބައެއް މަސްއޫލުވެރިންނާ ޙަވާލާދީ ސީ.އެން.އެން. ބުނިގޮތުގައި ރައީސް ސާލިޙްގެ ފުއްޕާމޭގެ އެއްފަޅިވަނީ އޭނާއަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ފޭލްވެފައެވެ. މިހާރު މަސައްކަތް ކުރަނީ ސާލިޙްގެ ފުއްޕާމޭގެ އެންމެ ފަޅިއެކެވެ.
ސާލިޙަށް މިގެއްލުންތައް ލިބުނީ އޭނާގެ ރިޔާސީ ގަނޑުވަރަށް މިދިޔަ ހުކުރު ދުވަހު ބަޔަކު ދިން ރޮކެޓް ޙަމަލާގެ ސަބަބުން ކަމަށް ކުރިން ބެލެވިފައިވީ ނަމަވެސް ސަންޢާގައި ތިއްބެވި ހުޅަނގުގެ ޑިޕްލޮމޭޓުން ހާމަކުރައްވާގޮތުގައި މިގެއްލުންތައް ސާލިޙަށް ލިބިވަޑައިގަތީ ރިޔާސީ ގަނޑުވަރުގައި ގޮއްވާލި ބޮމެއްގެ ސަބަބުންނެވެ.
ސާލިޙްގެ ރިޔާސީ އެކުވެނީގައި ހުންނަ މިސްކިތަށް އަރާފައިވަނީ ރޮކެޓް ޙަމަލާއެއް ކަމަށް ކުރިން ބެލެވިފައިވީ ނަމަވެސް މިސްކިތް ހަލާކުވެ ރައީސް ސާލިޙް ޒަޚަމްވެ ވަޑައިގަތީ އެތާނގައި ބާރުގަދަ ބޮމެއް ގޮއްވާލުމުގެ ސަބަބުން ކަމަށް، ޔަމަންގެ ސަލާމަތީ ބާރުތަކުން މިހާރު ކުރިޔަށް ގެންދާ ތަޙްޤީޤްތަކުން ހާމަވާކަމަށް ހުޅަނގުގެ ޑިޕްލޮމޭޓުން ބުނެއެވެ.
ސައޫދީ ހޮސްޕިޓަލެއްގައި ރައީސް ސާލިޙުގެ ހަށިކޮޅަށް ދެ އޮޕަރޭޝަނެއްވަނީ ކުރެވިފައެވެ. ސާލިޙްގެ ޙާލުކޮޅު ރަނގަޅު ކަމަށް ރަސްމީ ރިޕޯޓްތައް ބުނި ނަމަވެސް އޭނާގެ ހަށިކޮޅަށް ލިބިފައިވާ ގެއްލުންތަކާއި އެކަމުގެ ސަބަބުން އޭނާގެ ފުރާނައަށް ކުރިމަތިވެފައިވާ ނުރައްކާތައް ވަރަށް ބޮޑުކަމަށް ސައޫދީ ސިއްހީ ދާއިރާތަކާ ޙަވާލާދީ އެމެރިކާގެ ޑިޕްލޮމެޓިކް ދާއިރާތަކުން ބުނެއެވެ.
ސާލިޙް ދެން އެނބުރި ޤައުމަށް ވަޑައިނުގަންނަވާނެ ކަމަށް ޔަމަންގެ އިދިކޮޅު ފަރާތްތަކުން ބުނިނަމަވެސް ޔަމަންގެ ރަސްމީ ފަރާތްތަކުން ބުނަނީ ޙާލުކޮޅު ރަނގަނޅުވުމުން އޭނާ އެނބުރި ޤައުމަށް ވަޑައިގަންނަވާނެ ކަމުގައެވެ. -- އަލްޖަޒީރާ