09 Oct 2016, 09:58
ޕާކިސްތާނާއި އިންޑިއާ އާ ދެމެދު ނުތަނަވަސްކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި ޕާކިސްތާނު ފަންނާނުންނާ އެކު މަސައްކަތް ނުކުރާނެ ކަމަށް ކާމިޔާބު އެކްޓަރު އަދި ޑައިރެކްޓަރު އަޖޭ ދޭވްގަން ބުނެފި އެވެ.
އަޖޭ އެހެން ބުނެފައި ވަނީ ހިންދީ ސިނަމާގައި ޕާކިސްތާނު ފަންނާނުން މަސައްކަތް ކުރުން ވަގުތީ ގޮތުން މަނާކުރުމާ ގުޅިގެން، ބޮލީވުޑުގައި މަސައްކަތް ކުރަމުން އަންނަ ޕާކިސްތާނުގެ ދެ ފަންނާނުން ކަމަށްވާ ފަވާދު ޚާން އަދި މާހިރާ ޚާން ވާހަކަ ދައްކާފައި ވަނިކޮށެވެ.
މާހިރާ އަދި ފަވާދު ވެސް ވަނީ ޓެރަރިޒަމްގެ އަމަލުތަކާ ދެކޮޅުކަމަށް ބުނެފައެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަމުން އަޖޭ ބުނެފައި ވަނީ ފުރަތަމަ އިސްކުރާނީ ގައުމު ކަމަށެވެ.
"މި ވަގުތު ޕާކިސްތާނު އެކްޓަރުންނާ އެކު މަސައްކަތެއް ނުކުރާނަން. އެއީ އަހަންނަކީ ފުރަތަމަ އިންޑިއާ ރައްޔިތަކަށް ވާތީ. ޕާކިސްތާނު ފަންނާނުން ވެސް އިސްކަން ދިނީ ގައުމަށް. އެމީހުން މަސައްކަތްކޮށް އާމުދަނީ ހޯދަނީ އިންޑިއާ ގައި. އެކަމަކު އިސްކުރާނީ އަމިއްލަ ގައުމު. އެމީހުން ކައިރިން އަހަރެމެން ވެސް ދަސް ކުރަން ޖެހޭ،" އަޖޭ ބުނެފައިވެ އެވެ.
އަޖޭގެ އިތުރުން ކާމިޔާބު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފަރާ ޚާން ވެސް ވަނީ އިންޑިއާގެ ފަންނާނުންނަށް އިސްކަން ދޭނެ ކަމަށް ބުނެފަ އެވެ. ފަރާ ބުނީ އިންޑިއާގައި މާ ބޮޑަށް ހުނަރުވެރި މީހުން އެބަތިބި ކަމަށެވެ.
މި މަހުގެ 28 ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ކަރަން ޖޯހަރުގެ "އޭ ދިލް ހޭ މުޝްކިލް" ގައި ފަވާދު ފެނިގެންދާނެ އެވެ. އަދި އަންނަ އަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ޝާހު ރުކް ޚާންގެ ފިލްމު ރައީސް ގައި މާހިރާ ވެސް ފެނިގެންދާނެ އެވެ.
ބޮލީވުޑުގައި ޕާކިސްތާނުގެ އެކްޓަރުންނާއި ލަވަކިޔުންތެރިންގެ އިތުރުން ޓެކްނީޝަނުން މަސައްކަތް ކުރުން ވަގުތީ ގޮތުން މަނާކުރުމާ ގުޅިގެން، އެކަމާ ދެކޮޅަށް ވާހަކަ ދެއްކި މަދު ތަރިންގެ ތެރޭގައި ސަލްމާން ޚާން އަދި ކަރަން ޖޯހަރު ހިމެނެ އެވެ.
ސަލްމާން އަދި ކަރަންގެ ވާހަކަތަކާ ގުޅިގެން އަޖޭ ބުނެފައި ވަނީ އެކަމާ މެދު ހިތާމަ ކުރާ ކަމަށެވެ.
ކަޝްމީރުގައި އިންޑިއާ އިން ވެރިކަންކުރާ ފަޅީގައިވާ އިންޑިއާގެ އަސްކަރީ ބޭސްއަކަށް މިދިޔަ މަހުގެ 18 ވަނަ ދުވަހު ހަތިޔާރު އަޅައިގެން ތިބި ބަޔަކު ދިން ހަމަލާއެއްގައި 19 ސިފައިން މަރާލުމާ ގުޅިގެން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
އަދި ޕާކިސްތާނު ފަންނާނުން އިންޑިއާ އިން ފައިބައިފައި ވާއިރު، ވަގުތީ ގޮތުން އެމީހުންނަށް ހިންދީ ސިނަމާގައި މަސައްކަތް ކުރުން ވެސް ވަނީ މަނާކޮށްފައެވެ. އަދި ޕާކިސްތާނުގައި ހިންދީ ފިލްމު ދެއްކުން ވެސް ވަނީ މަނާ ކޮށްފައެވެ.