ސަންއާ(އޮކްޓޯބަރ 9): ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެގެންފައިވާ އަރަބި އެލަޔަންސުން ދިން ވައިގެ ހަމަލާތަކެއްގައި ޔަމަންގެ އާންމުންގެ 82 މީހުން މަރުވެ އެތަށް ބަޔަކު ޒަޚަމްވެއްޖެއެވެ.

ޔަމަނުން ލިބޭ ޚަބަރުތައް ބުނާގޮތުން ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ހަރަކާތްތެރިވާ އަރަބި ކޯލިޝަންގެ ޙަމަލާތައް އަމާޒުކުރީ ޔަމަންގެ ހޫޘީންގެ ސަރުކާރުގެ ދާޚިލީ ވަޒީރުގެ ބައްޕަ މަރުވުމުން ދާޚިލީ ވަޒީރުގެ އާއިލާއަށް ތަޢްޒިޔާ ކިޔުމަށްދާ މީހުން ތިބޭ ފޭލިގެއަކަށެވެ. އެ ފޭލިގެއަށް އަރަބި ކޯލިޝަނުން ދިން ޙަމަލާތަކުގައި މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ އަދަދު 140 އަށް ވުރެ ގިނަކަމަށް ޔަމަންގެ ރަސްމީ ނޫސް އެޖެންސީ ސަބައު އިންވަނީ ކަށަވަރުކޮށްދީފައެވެ.

ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އުފައްދާފައިވާ އަރަބި ކޯލިޝަނުން ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެގެންފައިވަނީ ސައޫދީންގެ ތާއީދު ލިބިފައިވާ ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރު ހާދީގެ ސަރުކާރު ހިމާޔަތް ކުރުމަށެވެ. ނަމަވެސް ޔަމަންގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙް އާއި ހޫޘީން ބައިވެރިވެރިގެން އުފައްދާފައިވާ ވެރިކަމުގެ ނިޒާމު ރޫޅާލައި ހާދީގެ ސަރުކާރު ސަންއާއަށް ގެންދިޔުމުގައި އަރަބި ކޯލިޝަން ވަނީ ނާކާމިޔާބު ވެފައެވެ. އަދި އަރަބި ކޯލިޝަންގެ ހަމަލާތައް ޔަމަންގެ އާންމުންނަށާއި މަދަނީ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް އާންމުން މަރަމުން ގެންދާ މައްސަލާގައި ބައިނަލްއަގްވާމީ ނުރުހުމާއި ފާޑުކިޔުންތައްވެސް އަރަބި ކޯލިޝަނަށްވަނީ އަމާޒުވެފައެވެ.

މިގޮތުން އދ.ން ވަނީ ކުށެއްނެތް އާންމުންނަށް ހަމަލާދޭ ގައުމުތަކާއި ޖަމާއަތްތަކުގެ ކަޅު ލިސްޓަށް އަރަބި ކޯލިޝަން އަރުވާފައެވެ. މި ލިސްޓުގައި އިސްރާއީލާއި އެމެރިކާ ނުހިމެނުނު ނަމަވެސް އަލްގާއިދާއާއި އައިއެސްއާއި ސޫރިޔާ ސަރުކާރު ފަދަ ފަރާތްތައް ހިމެނެއެވެ.

އަރަބި ކޯލިޝަންގެ ހަމަލާތަކުގައި މިހާތަނަށް ޔަމަންގެ އާންމުންގެ ތެރެއިން ދިހަ ހާސް މީހުން މަރުވެފައިވާ ކަމަށް އދ. ން ބުނެއެވެ. އަދި އެހަމަލާތަކުގެ ސަބަބުން ޔަމަންގެ މަދަނީ އިންފްރާސްޓްރަލްޗަރުގެ ބޮޑުބައެއްވެސް ވަނީ ހަލާކުވެފައެވެ.

އަރަބި އެލަޔަންސުން ޔަމަންގެ ޖަނާޒާގެ ފޭލިގެއަކަށް ދިން ވައިގެ ހަމަލާތަކެއްގައި އެގައުމުގެ އާންމުންގެ ސަތޭކައަށްވުރެ ގިނަމީހުން މަރުވެ އަދި ޒަޚަމްވި ކަމަށް އަރަބި ކޯލިޝަނުންވެސްވަނީ އެއްބަސްވެފައެވެ. ނަމަވެސް އެކޯލިޝަނުންވަނީ މިކަން ތަހްގީގް ކުރާނެ ކަމަށް ބުނެފައެވެ. އދ. ންވަނީ އަރަބި ކޯލިޝަންގެ ހަމަލާތަކުގައި 140 މީހުން މަރުވެ 525 މީހުން ޒަޚަމްވި ކަމަށް ބުނެފައެވެ.

އަރަބި ކޯލިޝަންގެ ހަމަލާތައް މީގެކުރިން އަމާޒުކޮށްފައިވާ ތަންތަނުގެ ތެރޭގައި ޑޮކްޓާސް ވިތައުޓް ބޯޑާސް ޖަމާއަތުން ޔަމަންގައި ހިންގި ދެ ހޮސްޕިޓަލެއްވެސް ހިމެނެއެވެ. (ރޮއިޓާސް)