09 Oct 2016, 08:38
ދަ ބައުސް ބަލިކޮށް، ޓީރެކްސް ބާސްކެޓްބޯޅަ ކްލަބުން ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ވެސް ޗެމްޕިއަންކަން ހޯދައިފި އެވެ.
މި އަހަރުގެ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ވެސް ޗެމްޕިއަންކަން ހޯދާފައިވާ ޓީރެކްސް އިން ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ރޭ ކުޅުނު އެ މުބާރާތުގެ ފައިނަލުގައި ދަ ބައުސް އަތުން މޮޅުވެގެންނެވެ.
ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ރޭ ކުޅުނު އެ މެޗުގެ ފުރަތަމަ ކުއާޓަރުގެ ކުޅުން ނިމުނު އިރު 23-15 ޕޮއިންޓުން ކުރީގައި އޮތީ ޓީރެކްސް އެވެ. ދެ ވަނަ ކުއާޓަރުގެ ކުޅުން ނިމުނު އިރު، ޓީރެކްސް ކުރީގައި އޮތީ 49-25 ޕޮއިންޓުންނެވެ. ތިން ވަަނަ ކުއާޓަރުގެ ކުޅުން ނިމުނު އިރު، ޓީރެކްސް އިން ވަނީ 74-45 ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. އަދި ފަހު ކުއާޓަރުގެ ކުޅުން ނިމުނު އިރު، ޓީރެކްސް ކުރީގައި އޮތީ 103-60 ޕޮއިންޓުންނެވެ.
އެ މުބާރާތުގެ ފައިނަލް މެޗަށްފަހު ވަނަވަނަ އަށް ހޮވުނު ކުޅުންތެރިންނާއި ޓީމުތަކަށް އިނާމު ހަވާލުކޮށްދެއްވީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އެކްސްކޯ މެންބަރު އަލީ މުހައްމަދު މަނިކެވެ. މުބާރާތުގައި އެންމެ ފައިދާހުރި ކުޅުންތެރިޔަކަށް ޓީރެކްސްގެ ރިކިން ޕެތާނީ ހޮވުނު އިރު، 21 އަހަރުންދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރެޑްލައިން ކްލަބުގެ ރިޝްފާން ރަޝީދެވެ.