09 Oct 2016, 00:52
ޖަޕާނުގައި ހުންނަ "މައުންޓް އަސޯ" ނަމަކަށް ކިޔާ ފަރުބަދައެއް ގޮވަން ފެށުމާ ގުޅިގެން އެ ފަރުބަދައާ ކައިރި ހިސާބުތަކުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ފަށައިފިއެވެ.
މީޑީއާ ރިޕޯޓުތައް ބުނާ ގޮތުގައި މި ފަރުބަދަ ގޮވަން ފަށާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައިއެވެ. ފަރުބަދަ ގޮވަން ފެށުމާއެކު ފަރުބަދައިން ނުކުތް އަޅި، ވައިދެ ހަތް މޭލު މައްޗަށް އަރާފައިވާއިރު އެ ފަރުބަދައިގެ 16 މޭލު އުތުރު އިރުމަތީ ސަރަހައްދުތަކަށްވެސް އަޅި ބުރާފައިވާކަމަށް އެސަރަހައްދުގައި ދިރިއުޅެމުން އަންނަ މީހުން ބުނެފައިވާ ކަމަށްވެސް ނޫސް އެޖެންސީތަކުން ބުނެއެވެ.
އެ ފަރުބަދަ ގޮވަން ފެށުމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް ގެއްލުން ވެފައި ނުވެއެވެ. ނަމަވެސް ފަރުބަދައިން ނުކުންނަ ދުމާއި އަޅީގެ އަސަރު ވަނީ މީހުން އުޅޭ ސަރަހައްދުތަކަށް ކޮށްފައެވެ.
އެގައުމުގެ މީޓިއޮރިޖިކަލް ސެންޓަރުން ވަނީ ޓުއަރިސްޓުގެ މެދުގައި މަގުބޫލު އެ ފަރުބަަދަ ގޮވަން ފެށުމާ އެކު ތިން ވަނަ ދަރަޖައިގެ ރަތް އެލާޓު ނެރެފައެވެ.
ޖަޕާނުގެ ބައެއް ޓީވީތަކުގެ ވީޑިއޯ ފުޓޭޖްތަކުން ފަރުބަދައިގެ މަތިން އަލިފާން ފެންނަ މަންޒަރު ދައްކުވައިދޭ މަންޒަރުވެސް ވަނީ އާންމުކޮށްފައެވެ.
ފަރުބަދަ ގޮވަން ފެށުމާއެކު މީހުން ދިރިއުޅޭ ހިސާބުތަކުގެ 29،000 ގެއަކުން ކަރަންޓުގެ ޚިދުމަތްވެސް ވަނީ ކެނޑިފައެވެ. އަދި ބައެއް ގެ ތަކުގެ ކުޑަދޮރުތަކުގެ ބިއްލޫރިތަކުގައި ރެނދުލާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މި ފަރުބަދަ ގޮވުމުގެ ސަބަބުން ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލުވާން ފަށާފައިވާއިރު، މިއަހަރުގެ އޭޕްރީލް މަހު ފަރުބަދަ ހުންނަ ސަރަހައްދަށް ވަނީ ބާރުގަދަ ބިންހެލުންތަކެއް އައިސްފައެވެ. ނަމަވެސް ފަރުބަދަ ގޮވުމަށް މެދުވެރިވީ އެ ބިންހެލުންތަކެއް ކަމެއް އަދި ސާފު ނުވެއެވެ.
އެ ފަރުބަދަ އަކީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރުވެސް ގޮވި ފަރުބަދަ އެކެެވެ. 2015 ވަނަ އަހަރު ފަރުބަދަ ގޮވުމާ ގުޅިގެން ވައިގެ 1.2 މައިލު މައްޗަށް ދުމާއި އަޅި އަރާފައިވާއިރު 2014 ވަނަ އަހަރު ފަރުބަދަ ގޮވުމުގެ ހާދިސާގައި 63 މީހަކު މަރުވެފައިވެއެވެ.
އުސްމިނުގައި 1592 މީޓަރު ހުންނަ އެ ފަރުބަދަ އަކީ އެގައުމުގެ އެންމެ ދުވަސްވީ ފަރުބަދަ ކަމަށް ޖަޕާނުގެ މީޓިއޮރޮޖިކަލް ސެންޓަރުން ވަނީ ބުނެފައެވެ.