ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކްލަބު އީގަލްސް ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބު ތާވަލުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި އީގަލްސްގެ މައްޗަށް ޓީސީން ކުރި ހޯދާފައިވަނީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ ނަތީޖާއާ އެކު ތާވަލުގެ އެއް ވަނައިގައި ޓީސީ އޮތީ ހަތް މެޗުން ލިބުނު 17 ޕޮއިންޓާއެކު އެވެ. މިއަދުގެ މެޗުން ބަލިވި އީގަލްސް އޮތީ ކުޅުނު ހަތް މެޗުން ލިބުނު 13 ޕޮއިންޓާއެކު ތާވަލުގެ ދެ ވަނައިގައެވެ.

އިއްޔެ ކުޅުނު އެ މެޗުގެ ފަސް ވަނަ މިނެޓުގައި އިބްރާހިމް ވަހީދު ހަސަން ޓީސީ އަށް ލީޑު ހޯދައިދިން ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އީގަލްސް އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ 22 ވަނަ މިނެޓުގައި އީގަލްސް އަށް އެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ހަމްދާން އަބްދުލް ސައްތާރެވެ.

ދެ ވަނަ ހާފުގައި ޓީސީން ކުޅުން އިތުރަށް ވަރުގަދަކޮށް، ލަނޑެއް ޖަހައި އަލުން ލީޑު ހޯދި އެވެ. މެޗުގެ 73 ވަނަ މިނެޓުގައި ޓީސީ އަށް އެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު ސައްޔާމް ސައީދު އެވެ. އޭގެ އިތުރުން ވެސް ދެ ވަނަ ހާފުގައި ޓީސީ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ.

އެ މުބާރާތުގެ މެޗެއް މިއަދު ވެސް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މިއަދު ހަވީރު ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ބީޖީ ސްޕޯޓްސް އެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މި އަހަރު އަށް ޓީމު ވާދަކުރެ އެވެ. އެއީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ޔުނައިޓެޑް ވިކްޓަރީ އާއި، ކްލަބު ވެލެންސިއާ އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ބީޖީ ސްޕޯޓްސް އާއި، ޓީސީ ސްޕޯޓްސް ކްލަބު އަދި ކްލަބު އީގަލްސް އެވެ.

މުބާރާތުގެ ލީގު ބުރުގެ މެޗުތައް ހެންވޭރު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީ ފައިނަލާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. ސެމީގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއް ވަނަ އަދި ދެ ވަނަ ޓީމު ވާދަކުރާ އިރު، އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގައެއް ލިބޭނެ އެވެ. ސެމީގެ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ ތިން ވަނަ އަދި ހަތަރު ވަނަ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމެއް ތިން ވަނަ ސެމީގައި ނުކުންނަން ޖެހޭނީ ފުރަތަމަ ސެމީން ބަލިވާ ޓީމަކާ ދެކޮޅަށެވެ. އަދި ތިން ވަނަ ސެމީން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބޭނެ އެވެ.

ސެމީގެ ފުރަތަމަ މެޗާއި ދެ ވަނަ މެޗު މި މަހުގެ 15 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީގެ ތިން ވަނަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.