08 Oct 2016, 22:43
ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމަށް މިމަހުގެ ފަސްވަނަ ދުވަހު ރަސްމިއްޔާތެއް ބޭއްވުމަށް ތާވަލު ކުރުމަށް ފަހު އަނެއްކާވެސް މިމަހުގެ 17 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.
މިމަހުގެ ފަސްވަނަ ދުވަހަށް ތާވަލުކުރި ރަސްމިއްޔާތު ފަސްކޮށް އެކަން އަންގާފައިވަނީ ރަސްމިއްޔާތު ބާއްވަން އެއްދުވަހަށް ވެފައި ވަނިކޮށެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ލިޔުމެއްގައި ބުނެފައި ވަނީ ވަކީލުކަން ކުރުމުގެ ހުއްދަ ދިނުމުގެ ރަސްމިއްޔާތު މިމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައަށް އެދި 160 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. އަދި ލިޔެކިޔުންތައް ފުރިހަމަ ނުވާތީ ބަލައިގަނެވެން ނެތް ތިން އެޕްލިކޭޝަން ފިޔަވައި، 23 ފަރާތެއްގެ އެޕްލިކޭޝަން އިތުރަށް ދިރާސާކުރައްވަން ފެނިވަޑައިގަންނަވާކަމަށް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޖުޑިޝަލް އެޑް މިނިސްޓްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަދޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދު ފަނޑިޔާރު އަބްދުﷲ އަރީފް އާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ގެ އިތުރުން ބަންޑާރަ ނައިބު މުހައްމަދު އަނިލް އަނިލްއެވެ.