ޓޫރިޒަމް މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުޅުމާލެ ސާފުކޮށް ގަސް އިންދައިފިއެވެ.

މިއަދު ފުރަތަމަ ހަރަކާތެއްގެ ގޮތުން ކުރިއަށް ގެންދިޔައީ ހުޅުމާލޭ ފުރަތަމަ ފޭހުގެ އަތިރިމަތި ސާފުކުރުމެވެ. އެގޮތުން ދެ ކިލޯ މީޓަރުގެ ސަރަހައްދެއް އެ ހަރަކާތުގައި ސާފުކޮށްފައިވެއެވެ.

މިއަދުގެ ދެވަނަ ހަރަކާތެއްގެ ގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކި ބިމުގައި ވަނީ ގަސް އިންދާފައެވެ. އެ ހަރަކާތް ފައްޓަވައިދެއްވީ ޓޫރިޒަމް މިނިސްޓަރުގެ ނައިބު ޝަޒައިލް ޝިޔާމެވެ.

ގަސް އިންދުމުގެ ހަރަކާތަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ޝަޒައިލް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގަސް އިންދާފައިވަނީ އެ ސަރަހައްދަކީ މުސްތަގުބަލުގައި ފަތުރުވެރިކަމުގެ ގިނަ ބިނާތަކެއް ހެދިގެން ދާނެ ތަނަކަށްވާތީ އެތަން ފެހި ކުރުމަށްޓަކައި ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކި ބިމުގައި ބޭއްވި ގަސް އިންދުމުގެ ހަރަކާތަށްފަހު ޓޫރިޒަމް މިނިސްޓަރުގެ ނައިބު މީޑިއާއަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

"މުސްތަގުބަލުގައިވެސް ގަބޫލުކުރެވޭ ގޮތުގައި މިތަނުގައި ފަތުރުވެރިކަމުގެ ވަރަށްގިނަ ހަރަކާތްތަކެއް ހިނގަމުންދާނެ. މިތަނުގައި ފަތުރުވެރިކަމުގެ ބިނާތަކެއް ހެދިގެން ދާނެ ކަމަށް ގަބޫލުކުރެވޭތީ މިތަން ފެހި ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް މިގެންދިޔައީ،" ޝަޒައިލް ވިދާޅުވި އެވެ.

ހުޅުމާލޭގައި މިއަދު ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކި ބިމުގައި މިއަދު ވަނީ 200 ގަސް އިންދާފަ އެވެ. މީގެ ކުރިން ޓްރީ މޯލްޑިވްސް އިން އިސްނަގައިގެންވެސް ވަނީ އެސަރަހައްދުގައި ގަސް އިންދާފަ އެވެ.