07 Jun 2011, 18:41
ނިއުދިއްލީ : އިންޑިޔާގެ ޔޯގާގެ އެންމެ މަޤްބޫލު ގުރޫ ސުވާމީ ރަމްދޭވް އާއި އޭނާއަށް ތާއީދުކުރާ އެތަށް ހާސްބަޔަކު ކޮރަޕްޝަނާ ދެކޮޅަށް ނިއުދިއްލީގައި ކުރިޔަށް ގެންދިޔަ ހައިހޫނު ކަމުގެ ހަޅުތާލުގެ ކޭންޕް، އިންޑިޔާގެ ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލައިފި އެވެ.
އިންޑިޔާގެ ފުލުހުން ނުކުމެ ސުވާމީގެ ކޭމްޕަށް މިއަދު ޙަމަލާދީ އެތަން ރޫޅާލައި ސުވާމީ ހައްޔަރު ކުރުމަށްފަހު މަތިންދާބޯޓެއްގައި އޭނާވަނީ އިންޑިޔާގެ އުތުރުގެ ހިމާލިޔާ ސަރަޙައްދުގެ ދެހަރްދަމް އަށް ފޮނުވާލާފައެވެ.
ސުވާމީގެ ޔޯގާއާބެހޭ ބައިނަލްއަޤްވާމީ މަރުކަޒު ހުންނަނީ އެ ސަރަޙައްދުގައެވެ. ސުލްޙަވެރި ގޮތުގައި ސުވާމީ ކުރިޔަށް ގެންދިޔަ ހައިހޫނު ކަމުގެ ކޭމްޕް، ބާރުގެ ބޭނުންކޮށްގެން ރޫޅާލުމަށްފަހު އިންޑިޔާ ފުލުހުންގެ ތަރްޖަމާނަކު ވިދާޅުވީ އެތަން ރޫޅާލަންޖެހުނީ އެކޭމްޕް ޖެހުމަށް ދޫކުރެވިފައިވާ ހުއްދަ ބާތިލްކުރުމަށްފަހު ކޭމްޕުން ނުކުތުމަށް އެންގުމުން ސުވާމީއާއި އޭނާގެ ބައިވެރިން އެކަމަށް ދެކޮޅު ހެދުމުންނެވެ.
ސުވާމީ އާއި އޭނާއަށް ތާއީދުކުރާ 10 ވަރަކަށް ހާސްމީހުން، ކޮރަޕްޝަނާ ދެކޮޅަށް ހައިހޫނު ކަމުގެ ހަޅުތާލު ކުރިޔަށް ގެންދިޔައީ ދިއްލީގައި ޖަހާފައިވާ ކޭންޕެއްގައި މިދިޔަ ހޮނިހިރު ދުވަހުން ފެށިގެންނެވެ.
ކޮރަޕްޝަނާ އިދިކޮޅު މިހަޅުތާލުގައި ބައިވެރިވި މީހުންގެ ތެރޭގައި ކޮރަޕްޝަނުގެ ޝިކާރައަކަށްވެފައިވާ އިންޑިޔާގެ ފަގީރުންނާއި ނިކަމެތިންގެ އިތުރުން ފިލްމީ ބައެއް ތަރިންނާއި މަޝްހޫރު ބައެއް ޝަޚްސިއްޔަތުތައް ވެސް ހިމެނެއެވެ. އިންޑިޔާގެ ގިނަބައެއްގެ މެދުގައި ވަރަށް މަޤްބޫލު ޝަޚްސިއްޔަތެއް ކަމަަށްވާ ސުވާމީ ރަމްދޭވް، އޭނާއަށް ތާއީދުކުރާ 10 ވަރަކަށް ހާސްމީހުންނާއެކު ކޮރަޕްޝަނާ ދެކޮޅަށް އެންމެ ފަހުގެ ހަތިޔާރުނެގީ ކޮރަޕްޝަނާއި ރިޝްވަތުގެ ސިލްސިލާ ފަޝީޙަތްތަކެއްގައި ވެރިކަންކުރާ ކޮންގްރެސްޕާޓީ ބޭޒާރުވެފައިވާ ދަނޑިވަޅެއްގައެވެ.
ބޮޑުވަޒީރު މަންމޯހަން ސިންގްގެ ކޮންގްރެސް ޕާޓީގެ ބައެއް އިސްބޭފުޅުންނާއި އޭނާގެ ސަރުކާރުގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަނުގެ ތުހުމަތު ތަކުގެ ތެރޭގައި ކޮމަންވެލްތް ގޭމްސްގެ ރިޝްވަތުގެ މައްސަލައާއި އިންޑިޔާގެ ޓެލެކޮމްގެ ރިޝްވަތާއި ކޮރަޕްޝަންގެ މައްސަލަ ހިމެނެއެވެ.
ކޮރަޕްޝަނާއި ރިޝްވަތުގެ މިމައްސަލަތަކުގެ ސަބަބުން އިންޑިޔާގެ އިޤްތިސާދަށް 39 ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހުނުމައްސަލަ ބޭޒާރުވުމުން ކޮންގްރެސްޕާޓީގެ މަޤްބޫލުކަން އާންމުންގެ މެދުގައި މިހާރުވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ.
ބާރުގެ ބޭނުންކޮށްގެން ސުވާމީގެ ކޮރަޕްޝަނާ އިދިކޮޅު ކޭމްޕް ރޫޅާލުމުގެ ބޭނުމަކީ މިހަޅުތާލުގެ ސަބަބުން ކޮންގްރެސް ޕާޓީއާއި ބޮޑުވަޒީރު މަންމޯހަން ސިންގ، ގެ ސަރުކާރު އިތުރަށް ބޭޒާރުވެ ކަރުތާފެނަށް ވެއްޓެމުންދާތީ އެކަމުން ސަލާމަތްވެވޭނެ ގޮތެއް ހޯދުން ކަމަށް އިންޑިޔާގެ ނޫސްތައް ބުނެއެވެ.
ނަމަވެސް ސުވާމީގެ ކޭމްޕް ރޫޅާލުމުން އޭނާއާއި އޭނާއަށް ތާއީދުކުރާ މީހުންގެ ކޮޅު އިތުރަށް ވަރުގަދަވެ ކޮންގްރެސް ޕާޓީއާއި މަންމޯހަން ސިންގްގެ ސަރުކާރު، ސިޔާސީ ގޮތުން އިތުރަށް ބަލިކަށިވެގެންދާނެ ކަމަށް މުރާސިލުން ބުނެއެވެ.
އިންޑިޔާ ފުލުހުން ސުވާމީގެ ކޭމްޕް ރޫޅާލުމާ ގުޅިގެން، މަންމޯހަން ސިންގ ގެ ސަރުކާރަށް ތަހައްދީ ކުރައްވަމުން ސުވާމީ ވިދާޅުވީ ކޭމްޕް ރޫޅާލިޔަސް ކޮރަޕްޝަނާ އިދިކޮޅަށް އޭނާއާއި އޭނާއަށް ތާއީދުކުރާ މީހުން ފަށާފައިވާ ހައިހޫނުކަމުގެ ހަޅުތާލު ކުރިޔަށް ގެންދާނެ ކަމަށާ ސަރުކާރަށް މިކަން ނުހުއްޓުވޭނެ ކަމުގައެވެ.
ސުވާމީ ރާމްދޭވްއަކީ އިންޑިޔާގެ ފަގީރު ޢާއިލާއަކަށް ނިސްބަތްވާ މީހެކެވެ. އޭނާގެ މަޤްބޫލުކަން އިތުރުވެގެންިޔައީ ކޮންމެ ދުހަކު އޭނާ ހުށަހަޅަމުން ގެންިދޔަ ޓީވީ ޕްރޮގްރާމެއްގެ ސަބަބުންނެވެ. އެޕްރޮގްރާމް އިންޑިޔާގެ 30 މިލިޔަނަށް ވުރެ ގިނަމީހުން ކޮންމެ ދުވަހަކު އެޕްރޮގްރާމް ބަލަމުން ގެންދާ ކަމަށް ޚަބަރުލިބެއެވެ.
ސުވާމީއަކީ ދުނިޔޭގައިވާ އެންމެ މަޤްބޫލު 50 މީހުންގެ ލިސްޓްގައި ހިމެނޭ ޝަޚްސިއްޔަތެކެވެ. -- ރޮއިޓާސް / ޖަވާދު