އުތުރުގެ ރަށަކަށް ނިސްބަތްވާ އެ ދެމަފިރީން އޭރު އުޅެމުންދިޔައީ އުފާވެރި ދިރިއުޅުމެކެވެ. ތަނަވަސް ދިރިއުޅުމެކެވެ. ތިން ދަރީން ލިބި އެކުދިން ތައުލީމް ހާސިލްކުރާ އުމުރަށް އައިއިރު، 700 އެއްހާ މީހުންގެ އާބާދީ އޮތްރަށުގައި ރަނގަޅު ތައުލީމެއް އަދި އެހެން ހިދުމަތެއްވެސް ނެތެވެ. ދަރިންނަށްޓަކައި 2000 ވަނަ އަހަރު މާލެ ބަދަލުވީ އެހެންވެއެވެ. ބޮޑުގެއާއި އުފާވެރި ދިރިއުޅުން ދޫކޮށް ޖަލެއް ފަދަ ދިރިއުޅުމަށް ބަދަލުވީ އަސާސީ ހިދުމަތްތައް ލިބޭނެ އެހެން ގޮތެއްނެތިގެނެވެ.

މާލެ ބަދަލުވިއިރު ރަނގަޅު އަދަދެއްގެ ފައިސާވެސް ފޮރުވާފައި ހުއްޓެވެ. މާގިނަ ދުވަހެއްނުވެއެވެ. އެކިއެކި ކަންކަމަށް ބޭނުންކޮށް އެ ފައިސާ ހުސްވީއެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް އުޅެންޖެހެނީ، އެމަހަކު ލިބުނު އެއްޗެއް އެމަހަކު ހަރަދުކޮށްގެންނެވެ. ބޮޑު ކަމެއް ޖެހިއްޖެއްޔާ ދަރާ ވިކިގެންނެވެ. ކޮންމެ ދުވަހެއްގެ އިރުއެރުމާއި އިރުއޮއްސުން ގުޅިފައިވަނީ ގޭ ކުއްޔާއި މެދު ވިސްނުގައެވެ. އެއީ އެ އާއިލާގެ އުފާވެރިކަން ފޭރިގެން ކަމެކެވެ.

މާލެ ސިޓީގެ އިމާރާތްތަކެއް -- ފޮޓޯ/ އަލާމީ

ތިން ދަރިން ގޮވައިގެން އުޅެން ޖެހުނީ ކުޑަ ތަންކޮޅެއްގައެވެ. ރެއާއި ދުވާލު ކުރާ މަސައްކަތުން ލިބޭ އާމްދަނީން ކުލި ދެއްކުމަށްފަހު ދަރިންނާއި އަނބިމީހާގެ ހިތްހަމަޖެހުމާއި އުފަލަށް ކަމެއް ކޮށްދޭން ފައިސާއެއް ނުހުރެއެވެ. ގޭގެ ދަތިކަން ހުންނަ ގޮތުން އަނބިގޮއްޔެގެ ހިތް އުފާކޮށެއްނުދެވެއެވެ. ދެމަފިރިކަން އޮންނަނީ ލިޔުމެއްގައެވެ. ގިނަ ފަހަރަށް އެ އުފާވެރިކަން ނުލިބެއެވެ. ވާހަކަދެއްކިޔަސް ގިނަ ފަހަރަށް ދައްކަންޖެހެނީ ކޮންމެވެސް ކަންބޮޑުވުމެއްގެ ވާހަކައެވެ.

ކޮންމެއަކަސް އެ ދިރިއުޅުން އުޅެމުންގޮސް މިއަދު ތިން ދަރިން އެވަނީ ބޮޑުވެފައެވެ. ދޮއްޓަށްހުރި ފިރިހެން ކުއްޖާ މީހަކާ އިނދެގެން ވަކި ދިރިއުޅުމެއް ފަށާފައިވާއިރު ބަރުބޮޑު ދިރިއުޅުމަށް ހަރަދުކޮށް މިއަދު މައިންބަފައިންނަށް ދޭނެ އެއްޗެއް އޭނާގެ އަތުގައި ނޯވެއެވެ. އެ ދެމަފިރިން މިއަދު އުޅެނީ ދެ ވަނައަށް ހުރި އަންހެން ދަރިފުޅު ކައިރީގައެވެ. ކުޑައަށް ހުރި ދަރިފުޅު އެކުވެރިންނާ ޖެހި މަގުމަތިވެފައެވެ. ދުވާލު ނިދާފައި ރޭ ގަނޑު ހޭލައި ކުށުގެ ވެއްޓެއްގެ ތެރޭގައެވެ.

އެ ދެމަފިރިން ވި ގުރުބާނީގެ ނަތީޖާ ހިތްޗެވެ. ގެދޮރުގެ ދަތިކަމުން މަގުމައްޗަށް ނުކުތް އެއްދަރި ގެއްލުމުގެ ހިތާމައާއި އެކު އަދިވެސް އުޅެން ޖެހިފައިވަނީ ކުޑަ ތަންކޮޅެއްގައެވެ. އަނބިމީހާ މާމަ ދަރި ބެލުމުގެ ބުރަ ޒިންމާ އަދާކުރާއިރު ދެމަރިންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ފައިސާ ހޯދުމަށް ފިރިމީހާ ދަނީ ސެކިއުރިޓީ ޑިއުޓީއަށެވެ. އުމުރުން ދުވަސްވީ ދުވަހު އަރާމް ކުރަން ނުލިބުނުތާ އުފާވެރި ދިރިއުޅުމެއްވެސް ނުލިބުނެވެ.

ރަށަށް ދާން ބެލިއިރު ރަށުގައިވެސް ހިޔާވަހިކަމެއްނެތް

އެހުރިހާ ހިތާމައަކުން އަރައިގަތުމަށް ދެން ވިސްނީ އަނބުރާ ރަށަށް ދިއުމަށެވެ. އެކަންވެސް ވާކަށްނެތެވެ. އޭރު ރަނގަޅު ފެންވަރަކަށް ހަދާފައިވާ ގެދޮރަށް އަޅާލުނެވި ފަޅުކޮށް ހުރުމުން މިއަދު ވަނީ ވީރާނާވެފައެވެ. އެތަނަށް މީހަކަށް ވަދެވޭ ވަރެއް ނޫނެވެ. މާލޭގައިވެސް އަދި ރަށުގައިވެސް އެދެމަފިރިންނަަށް އުފާވެރި ދިރިއުޅުމެއްނެތެވެ.

އެއީ އެތައް އާއިލާއެއްގެ ހާލެވެ. އަސާސީ ބޭނުން ފުއްދުމަށް މާލެ ބަދަލުވުމާއެކު މާލޭގައި ދިރިއުޅޭތަނަށް ދައްކަންޖެހޭ ކުލީގެ އަޅުންނަށް ވެ މުޅި ދިރިއުޅުން އެވަނީ ވިއްސިވިހާލިވެފައެވެ. ދަރިންނަށްޓަކައި ކުއްޔަށް ހަރަދުކޮށް އުމުރުން ދުވަސްވާއިރު އަތުގައި ފޮރުވިފައި ފައިސާއެއް ނުހުރެއެވެ. ކުދިން ބޮޑެތިވެ ދިރިއުޅުންތައް ފެށުމާއެކު އެކުދިންނަށްވެސް އެއްޗެއް ދެވޭކަށްނޯވެއެވެ. މިހުރިހާ ކަމެއްގެ ފަހަތުގައިވެސް ވަނީ އެއްކަލަ ގޭ ކުއްޔެވެ. މިއީ ގައުމީ މައްސަލައެކެވެ. ހުރިހާ ދިވެހިންނާ ގުޅިފައިވާ ހިތްދަތިކަމެކެވެ. ސަރުކާރުން ކުރަންވީކަމަކީ މިއީއެވެ.

އިންޓްރެސްޓް ބޮޑު ލޯނަށް ހައްލެއް ބޭނުން!

އިމާރާތް ކުރުމުގެ ދާއިރާ ހަލުވިމިނުގައި ކުރިއަށްދާއިރު އެ އިމާރާތްތައް ކުރުމަށް ބޭންކްތައް މެދުވެރިކޮށް ބޮޑެތި ލޯންތަކެއް ނަގައެވެ. އިމާރާތް ނިންމައި ކުއްޔަށްދޭއިރު ކުލި ކަނޑައަޅަނީ ލޯނު ދައްކަންޖެހޭ މިންވަރު ހިމަނައިގެންނެވެ. ކޮލެޓްރަލް ބޮޑުވުމާއި ދައްކަން ޖެހޭ އިންޓްރެސްޓް ރޭޓް ބޮޑުވުން އެއީ ގޮންޖެހުމެކެވެ. މިއަދު ރާއްޖޭގައި އެންމެ ދަށްކޮށް ހައުސިން އިންޓްރެސްޓް ރޭޓް އުޅެނީ އެ ލޯނެއްގެ ނުވަ ޕަސެންޓެވެ. މިސަރަހައްދުގައި ހައުސިން ލޯންގެ އިންޓްރެސްޓް ރޭޓް އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ހަމަހުރެފައި އަދަދުތަކެއް ކަނޑައަޅާފައި ހުންނަނީ ކަމަކަށް، އަޅުގަނޑު ގަބޫލް ކުރަނީ، ރާއްޖޭގެ ކުލިތައް ކަނޑައެޅިގެން މިދަނީ މާކެޓޫގެ މި ސަޕްލައި އެންޑް ޑިމާންޑް ޕްލަސް އިންވެސްޓްމަންޓް ކޯސްތަކަށް ބޭސްކޮށްގެން." މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް މުހައްމަދު އަލީ ޖަނާހް ވިދާޅުވި އެވެ.

މަސީގެ ރައީސް ޖަނާ ސަންއަށް އިންޓަވިއޫ ދެއްވަނީ-- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ރާއްޖެއިން މިސާލެއްގެ ގޮތުގައި ބަލާ ސިންގަޕޫރުގެ ހައުސިން ލޯންތައް އުޅެނީ ދެ ޕަސެންޓް އިންޓްރެސްޓް ރޭޓެއްގައެވެ. އެހެންކަމުން ގެދޮރުގެ އަގު ހެޔޮކުރުމަށް އެކަށޭނަ އަގެއްގައި ލޯންލިބޭނެ ގޮތެއް ހަމަޖައްސަންޖެހެއެވެ.

ކުލި އަގު ހެޔޮ ކުރާނަން!

ލޯނުތަކަށް ހެޔޮ ބަދަލުތަކެއް އައުމުގެ މަލަމަތިވެސް މިވަނީ ފެންނަން ފަށާފައެވެ. މިއަހަރުގެ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ބީއެމްއެލް އިން ދޫކުރާ ހައުސިންގ ލޯނުތައްކަމަށްވާ ހޯމް ލޯން، ހޯމް ކޮންސްޓްރަކްޝަން ލޯން އަދި ރިއަލް އެސްޓޭޓް ލޯން ގެ އިންޓްރެސްޓް ރޭޓުން ވަނީ ދެ ޕަސެންޓް ކުޑަކޮށްފައެވެ. މި ތިން ލޯނުވެސް އަނބުރާ ދެއްކުމުގެ މުއްދަތަކީ 20 އަހަރެވެ.

"އިންޓްރަސްޓް ރޭޓަށް ގެނެވުނު ބަދަލާއެކު އެވްރެޖްކޮށް ގެދޮރު ހެދުމަށް ނަގާ 8 މިލިއަން ރުފިޔާގެ ހޯމް ކޮންސްޓްރަކްޝަން ލޯނަކުން ލޯނު އަނބުރާ ދެއްކުމަށް ލިބޭ މުއްދަތުގައި 1.8 މިލިއަން ރުފިޔާ ރައްކާކުރެވިގެންދާނެ. މިއީ ވަރަށް ބޮޑު ބަދަލެއް،" ބީއެމްއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ކުލި އަގު ހެޔޮކުރަން ބޭނުންނަމަ ގިނަ ހައުސިން ޔުނިޓްތަކެއް މާލެ ސަރަހައްދުގައި ހަދަންޖެހެއެވެ. ސަރުކާރުން ގެންގުޅުއްވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 2018 އަށް 15،000 ހައުސިން ޔުނިޓް ހުޅުމާލޭގައި އެޅުމަށް ބޭރުގެ ފަސް ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. ސަރުކާރުން ލަފާ ކުރާގޮތުގައި އެ ފްލެޓްތަކުން 65000 އަށް ވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އާބާދީ ތިންބައި ކުޅަ އެއްބައި މާލޭގައި ދިރިއުޅޭ އިރު އެފަރާތްތަކަށް ބޭނުންވާ ގެދޮރު ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. މިދައުރު ނިމެންވާއިރަށް ގެދޮރުކުއްޔަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިމަސައްކަތްތައް ވަކިވަރަކަށް ކާމިޔާބުވީމާ ގެދޮރުގެ އަގު ދަށްވާނެ ކޮންމެވެސް ވަރަކަށް، އެއީ މާކެޓު ރިލޭޓެޑް ކަމަކަށްވާތީވެ. ސަރުކާރުގެ ބޭނުމަކީ ސަޕްލައި އިތުރުކޮށްދިނުން،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

ކޮންމެއަކަސް ދިވެހި ރައްޔިތުންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މާލޭގެ ކުލީގެ މައްސަލައެވެ. މިކަން ދިމާނުވާ އާއިލާއެއްނެތެވެ. ގެއަށް ދައްކަންޖެހޭ ބޮޑު ކުލީގެ ސަބަބުން ދިވެހިންގެ ދިރިއުޅުން އަޅުވެތިކަމަކަށް ބަދަލުވާއިރު އެންމެ ފުރަތަމަ ހައްލު ބޭނުންވާ ކަމަކީ މިއީއެވެ.