ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގި ކްރެޑިޓް ކާޑަކުން ބޭނުން ކުރުމަށް ފަހު ނުދައްކާ ހުރި ފައިސާ އަދި ޖޫރިމަނާއަށް ވާ 699 ޑޮލަރު ( 10778 ރުފިޔާ) ދައްކަން މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު އަލީ (ޔޫއްޕެ) ގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

މިމަހުގެ ފަސްވަނަ ދުވަހު ސިވިލް ކޯޓުން ޔޫއްޕެެގެ މައްޗަށް ހުކުމް ކުރީ ބީއެމްއެލްއިން ނަގާފައިވާ ވިސާ ކްރެޑިޓް ކާޑަކުން ބޭނުންކުރުމަށް ފަހު އެ ފައިސާ ނުދައްކައިގެން ބޭންކުން ސިވިލް ކޯޓުގައި ދައުވާ ކުރުމުންނެވެ.

އެމައްސަލަ ނިންމައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ބީއެމްއެލްގެ ވިސާ ކްރެޑިޓް ކާޑުން ބޭނުން ކުރުމަށް ފަހު ފައިސާ ނުދައްކާ ކަމަށް ޔޫއްޕެ ކޯޓުގައި އެއްބަސްވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބޭންކުން ކުރަން ޖެހުނު ހަރަދާއި ޖޫރިމަނާއާ އެކު އެފައިސާ ދައްކާނެ ކަމަށްވެސް ޔޫއްޕެ ކޯޓުގައި އެއްބަސްވެފައިވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

އެހެންކަމުން އެފައިސާއަށް ވާ 699 އެމެރިކާ ޑޮލަރު މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ބީއެމްއެލްއަށް ދައްކައި ހަލާސްކުރުމަށް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.