އދ. މަޖިލިސް (އޮކްޓޯބަރ 8) އދ. ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް އައްޔަން ކުރުމަށް ސަލާމަތީ މަޖިލީހުން ރުހުންދީފައިވާ އެންޓޯނިޔޯ ގުޓޭރަސް އެމަގާމަށް އައްޔަން ކުރުމަށްޓަކައި ޖެނެރަލް އެސެމްބްލީގައި ވޯޓުނެގުން މިފެށޭ ހަފްތާގައި އޮންނާނެ ކަމަށް އދ. އިން ބުނެފިއެވެ.

އދ. ގެ ސެކްރެޓޭރިއަޓުން ބުނީ 193 ގައުމު ހިމެނޭ ޖެނެރަލް އެސެމްބްލީން ގްޓޭރަސް އައްޔަން ކުރުމަށް ވޯޓު ދިނުމުން އޭނާ އެމަގާމަށް އައްޔަން ކުރެވިގެންދާނެ ކަމުގައެވެ. ނަމަވެސް ގުޓޭރަސް މަގާމާ ހަވާލުވެ ވަޑައިގަންނަވާނީ މިހާރުގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންގެ މަގާމުގެ މުއްދަތު އަންނަ ޑިސެމްބަރުމަހުގެ ފަހުކޮޅު ހަމަވުމުންނެވެ.

އެންޓޯނިޔޯ ގުޓޭރަސްއަކީ އިންސާނީ އެހީގެ ކަންތައްތަކާބެހޭ އދ. ގެ ހައިކޮމިޝަނަރުކަމުގެ މަގާމު އެތަށް އަހަރެއްވަންދެން ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އދ. ގެ މަގާމު އަދާކުރުމުގެ ކުރިން އޭނާވަނީ އޭނާގެ ގައުމު ކަމަށްވާ ޕޯޗްގަލްގެ ބޮޑުވަޒީރުކަންވެސް ކުރައްވާފައެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް އައު ބޭފުޅަކު ހަމަޖެއްސުމަށް އިއްލާން ކުރުމުން އެމަގާމަށް 13 ބޭފުޅަކު (އެބޭފުޅުންގެ ގައުމުތަކުގެ ތާއީދާއެކު) ކުރިމަތި ލެއްވިއެވެ. މީގެތެރޭގައި ގިނައީ ގައުމުތަކުގެ ކުރީގެ ބޮޑުވަޒީރުންނާއި ޚާރިޖީ ވަޒީރުންނެވެ.

މި 13 ބޭފުޅުންގެ ތެރޭގައި 7 އަންހެން ބޭފުޅުންވެސް ހިމެނިވަޑައިގެންނެވިއެވެ. ނަމަވެސް މި ބޭފުޅުންގެ ނަންތައް މިދިޔަ މަހު އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމުން ސަލާމަތީ މަޖިލީހުގެ ގިނަ މެންބަރުންގެ ތާއީދު އެންމެ ގިނައިން ލިބިވަޑައިގެންނެވީ އެންޓޯނިޔޯ ގުޓޭރަސް އަށެވެ. މިއާއެކު ސަލާމަތީ މަޖިލީހުންވަނީ އެމަޖިލީހުގައި ހިމެނޭ ވީޓޯ ކުރުމުގެ ބާރުލިބޭ ފަސް ގައުމުންކުރެ ގައުމެއް ގުޓޭރަސްއާ ދެކޮޅު ހަދައިތޯ ބެލުމަށްޓަކައި މިދިޔަ ބުދަދުވަހު ސަލާމަތީ މަޖިލީހުގެ ނުރަސްމީ ޖަލްސާއެއް ބާއްވާފައެވެ.

އެޖަލްސާއިންވެސް ގްޓޭރަސްއާ ދެކޮޅަށް އެއްވެސް ގައުމަކުން ދެކޮޅު ހަދާފައެއްނުވެއެވެ. އެއަށްފަހު ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާއެއްގައި ސަލާމަތީ މަޖިލީހުންވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ގުޓޭރަސް އައްޔަން ކުރުމަށް ރަސްމީ ސިފައެއްގައި ރުހުންދީ އެންޑޯޒް ކޮށްފައެވެ. ދެންއޮތީ ޖެނެރަލް އެސެމްބްލީގެ ޚާއްސަ ޖަލްސާއެއް ބައްވައި ގުޓޭރަސް އދ. ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ރަސްމީ ގޮތުން އައްޔަންކުރުމެވެ. ޖެނެރަލް އެސެމްބްލީގައި ހިމެނޭ 193 ގައުމުގެ ތެރޭން ދެބައި ކުޅަ އެއްބައި ގައުމުގެ ވޯޓު ލިބުނުނަމަވެސް ގުޓޭރަސް އެމަގާމަށް އައްޔަން ކުރެވިގެންދާނެއެވެ.

1945 ގައި އދ. އުފެދުނު ފަހުން އދ. ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމު މިހާތަނަށް 9 ބޭފުޅަކު އަދާކުރައްވާފައިވެއެވެ. އދ. ގެ އެންމެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލް އަކީ އިނގިރޭސި ރައްޔިތެއްކަމަށްވާ ގްލަޑްވިން ޖެން އެވެ. އެއީ 1945 ން 1946 އަށެވެ. ދެވަނަ ސެކްރެޓަރީ ޖެނެރަލްއަކީ ނޯވޭގެ ބޭފުޅެއްކަމަށްވާ ޓްރައިގްވް ލީ އެވެ. އެއީ 1046 ން 1952 އަށެވެ.

ތިންވަނަ ސެކްރެޓަރީ ޖެނެރަލް އަކީ ސްވިޑްންގެ ރައްޔިތެއްކަމަށްވާ ޑެގް ހެމާޝޯލްޑް އެވެ. އެއީ 1953 ން 1961 އަށެވެ. ހަތަރުވަނަ ސެކްރެޓަރީ ޖެނެރަލް އަކީ ބަރުމާގެ ރައްޔިތެއްކަމަށްވާ ޔޫ ތަންޓް އެވެ. އެއީ 1061 ން 1971 އަށެވެ. ފަސްވަނަ ސެކްރެޓަރީ ޖެނެރަލް އަކީ އޮސްޓްރިޔާގެ ރައްޔިތެއްކަމަށްވާ ކޯޓް ވޯލްޑްހެއިމް އެވެ. އެއީ 1972 ން 1981 އަށެވެ.

ހަވަނަ ސެކްރެޓަރީ ޖެނެރަލް އަކީ ޕެރޫގެ ރައްޔިތެއްކަމަށްވާ ހަވިއެޒް ޕެރޭޒް ޑިކުލަރ އެވެ. އެއީ 1982 ން 1991 އަށެވެ. ހަތްވަނަ ސެކްރެޓަރީ ޖެނެރަލް އަކީ މިސްރުގެ ރައްޔިތެއްކަމަށްވާ ބުތްރުސް ބުތްރުސް ޣާލީއެވެ. އެއީ 1992 ން 1996 އަށެވެ. އަށްވަނަ ސެކްރެޓަރީ ޖެނެރަލް އަކީ ގާނާގެ ރައްޔިތެއްކަމަށްވާ ކޯފީ އަނާންއެވެ. އެއީ 1997 ން 2005 އަށެވެ. މިހާރުގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންއަކީ ދެކުނު ކޮރެޔާގެ ބޭފުޅެކެވެ. އޭނާ އެމަގާމަށް އައްޔަންކުރީ 2007 ވަނަ އަހަރުގައެވެ. މިއަހަރުގެ ފަހުކޮޅު އޭނާގެ ދެވަނަ ދައުރުގެ މުއްދަތު ހަމަވާނެއެވެ. (ނޫސްއެޖެންސީތައް)