ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އަންނަ އަންގާރަ ދުވަހު އޭޝިއަން ކަޕް ކޮލިފިކޭޝަން ޕްލޭ އޯފްގެ ދެ ވަނަ ލެގުގައި ލާއޯސްއާ ދެކޮޅަށް ކުޅޭ މެޗުގައި ބައިވެރިނުވުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ނިންމައިފި އެވެ.

އަނިޔާއާ ގުޅިގެން ޓީމާއެކު ލާއޯސް އަށް ދިއުމަށް މިއަދު ފުރާ ގައުމީ ޓީމާއެކު ނުދާނެކަން ދަގަނޑޭ އިއުލާންކޮށްފައިވަނީ ފޭސްބުކް މެދުވެރިކޮށް އޭނާގެ ސަޕޯޓަރުންނަށް ދިން މެސެޖަކުންނެވެ.

ދަގަނޑޭގެ އެ މެސެޖުގައި ބައެއް މީޑިއާތަކުން އޭނާއާ ގުޅޭގޮތުން ދޮގު ހަބަރުތަކެއް ފަތުރަމުންދާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ. ދަގަނޑޭގެ މެސެޖުގައި ބުނެފައިވަނީ އަނިޔާއާ ގުޅިގެން އެއްވެސް މީޑިއާއަކަށް އޭނާ އިންޓަވިއު ދީފައިނުވާނެ ކަމަށާއި ނޫސްވެރިން ޒިންމާދާރުވުމަށް އެދޭ ކަމަށެވެ.

ދަގަނޑޭގެ އެމްއާރްއައި ރިޕޯޓް --- ފޮޓޯ: އަލީ އަޝްފާގް / ފޭސްބުކް

ދަގަނޑޭގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް ދިން މެސެޖުގައި އޭނާ ބުނީ، ކުރިން ޓީމަށް އޭނާ ކުޅެމުންދިޔައީ އިންޖެކްޝަން ޖަހައިގެން ކަމަށާއި ދަތުރުގައި ބައިވެރިނުވުމަށް ނިންމީ އަނިޔާއިން ފުރިހަމަ އަށް ރަނގަޅުވުމަށް އަރާމު ކުރަން ބޭނުންވާތީ ކަމަށެވެ. ދަގަނޑޭގެ ފޭސްބުކް ޕޭޖުގައި އެ މެސެޖާއެކު އޭނާގެ ކަކުލުގެ އެމްއާރްއައި ރިޕޯޓް އާންމުކޮށްފައިވެ އެވެ.

ދަގަނޑޭ ޓީމާއެކު ދަތުރުގައި ބައިވެރިނުވާތީ މިއަދު ލާއޯސް އަށް ގައުމީ ޓީމު ފުރާނީ 22 ކުޅުންތެރިންގެ ސްކޮޑަކާ އެކު އެވެ. އެ މެޗަށް ނުކުންނަ އިރު، ދަގަނޑޭގެ ދެ ލަނޑާއެކު ފުރަތަމަ ލެގު މެޗުން ރާއްޖެ މޮޅުވެފައިވަނީ 4-0 ލަނޑުންނެވެ.