08 Oct 2016, 20:59
މި އަހަރުގެ އޯގަސްޓު މަހުގައި ރާއްޖޭގެ ކުންފުނިތަކުން މަސް ކިރުވި މިންވަރު އަށް ޕަސެންޓު އިތުރުވިއިރު، މަހުގެ އެކްސްޕޯޓްސް 15 ޕަސެންޓު ދަށް ވެއްޖެއެވެ.
ރާއްޖޭގެ އިގްތިސާދާ ގުޅޭ ގޮތުން ކޮންމެ މަހަކު، މަރުކަޒީ ބޭންކު، އެމްއެމްއޭއިން ނެރޭ އިގްތިސާދީ ރިވިއުގެ މިދިޔަ މަހުގެ އަދަދުގައި ވާ ގޮތުން އޯގަސްޓު މަހުގެ ތެރޭގައި 2751.5 ޓަނުގެ މަސް ރާއްޖޭގެ ކުންފުނިތަކުން ކިރާފައިވެއެވެ. އަދި އެ އަދަދަކީ މިދިޔަ އަހަރުގެ އޯގަސްޓު މަހާ އަޅާ ބަލާއިރު އަށް ޕަސެންޓު އިތުރު އަދަދެއް ކަމަށްވެސް އެމްއެމްއީން ބުނެފައިވެއެވެ.
އަހަރުން އަހަރަށް ބަލާއިރު އޯގަސްޓު މަހުގައި މަސް ކިރުވި މިންވަރު ވަނީ އިތުރުވެފައެވެ. އަދި މަހުން މަހަށް ބަލާއިރު އޯގަސްޓު މަހު ކިރުވި މަހުގެ މިންވަރު ވަނީ ޖުލައި މަހާ އަޅާ ބަލާއިރު 71 ޕަސެންޓު އިތުރުވެފައެވެ.
މަސް ކިރުވި މިންވަރު އިތުރުވިނަމަވެސް ޖުލައި މަހުގައި، މަސް އެކްސްޕޯޓް ކުރި މިންވަރު ވަނީ 15 ޕަސެންޓު ދަށްވެފައެވެ. އެއާ އެކު މަސް އެކްސްޕޯޓު ކޮށްގެން ލިބޭ އާމްދަނީގެ މިންވަރުވެސް ވަނީ މަހުން މަހަށް ބަލާއިރު 31 ޕަސެންޓު ދަށްވެފައިކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި މަހުން ލިބުނު އާމްދަނީ ދަށްވެފައިވަނީ ތާޒާ، ފިނިކުރި ކަންނެލި އަދި ދަޅުގައި ބަންދުކުރި މަސް އެކްސްޕޯޓު ކުރި މިންވަރާއި އަދި އެ ބާވަތްތައް އެކްސްޕޯޓުކޮށްގެން ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބުންނެވެ.