އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަ ކުރައްވާ ޑޮނާލްޑް ޓްރަމްޕް، އޭނާ މީގެ ކުރިން ކުރައްވާފައިވާ ބައެއް އަމަލުތަކަށް މައާފަށްއެދިވަޑައިގެން، ރަނގަޅު މީހަކަށް ވާނެ ކަމަށް ވައުދުވެވަޑައިގަންނަވައިފިއެވެ.

ޓްރަމްޕް މައާފަށް އެދިވަޑައިގެންފައިވަނީ މީގެ ކުރިން އޭނާ ކޮށްފައިވާ އަޚްލާގީ ގޮތުން ދަށު ދަރަޖައިގެ އަމަލުތަކާއި ވިދާޅުވެފައިވާ ބައެއް ބަސްތަކަށެވެ.

އޭނާ މައާފަށް އެދިވަޑައިގަތީ މީގެ އަހަރުތަކެއް ކުރިން ރިކޯޑުކޮށްފައި އޮތް ވީޑިއޯ ލީކް ވުމާ ގުޅިގެންނެވެ. އެ ވީޑިއޯގައި އޭނާ ވަނީ އޭނާ އަކީ "ސްޓާ" އެއް ކަމުން އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

އެ ވީޑިއޯ ލީކް ވުމާ ގުޅިގެން ފޭސްބުކް މެދުވެރިކޮށް ނެރުނު ވީޑިއޯއެއްގައި ޓްރަންޕް ވިދާޅުވެފައިވަނީ މީގެ ކުރިން އޭނާ ކޮށްފައިވާ ކަންކަމާއި ބުނެވިފައިވާ ބަސްތަކާ މެދު މިއަދު ލަދުވެތިވެ ހިތާމަ ކުރާ ކަމަށެވެ.

"އަޅުގަނޑު ދަންނަ މީހުންނަށް އެނގޭނެ، އެއީ އަޅުގަނޑުގެ ބަސްތަކެއް ކަމަށްވިޔަސް އެއީ އަޅުގަނޑުގެ ގޮތް ނޫން ކަން. އަޅުގަނޑަށް އޭރު އެހެން ބުނެވިފައިވުމަކީ އަޅުގަނޑަށް ކުރެވުނު ގޯހެއް. އެކަމަށް މައާފަށް އެދެން،" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރަނގަޅު މީހެއްގެ ގޮތުގައި ސާބިތުވެ ހުންނަވާނެ ކަމަށާއި އޭނާ އާ ހުރެ އެއްވެސް މީހަކު ލަދުވެތިވާކަށް ދެން ނުޖެހޭނެ ކަމަށެވެ.

"އެ ވީޑިއޯގައި އަޅުގަނޑު އަންހެނުންނޭ ކިޔައިގެން ވާހަކަ ދައްކާފައި ހުރި ގޮތަށް އެއްވެސް އަންހެނަކާ މެދު އަމަލު ކޮށްގެން ނުވާނެ. އަދި އެފަދަ ވާހަކައެއް ދައްކައިގެންވެސް ނުވާނެ،" ޓްރަމްޕް ވިދާޅުވެފައިވެއެވެ.