07 Jun 2011, 18:26
ރާއްޖޭގެ ވަޒީފާތަކަށް ގެންނަ ބަންގްލަދޭޝްގެ މަސައްކަތު މީހުން، ރާއްޖެ އައުމުގެ ކުރިން، އެ މީހުންގެ ވާކް ވީޒާ އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ދޫކުރާ ގޮތަށް ހަމަޖައްސަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ މި ގޮތަށް ހަމަޖައްސަން ވަޒީރުންގެ މަޖިލީހުން ނިންމެވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމާ ބެހޭގޮތުން އެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.
އެގޮތުން، ރާއްޖޭގެ ވަޒީފާތަކަށް ގެންނަ ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން، ބަންގްލަދޭޝްގެ ކަމާބެހޭ އިދާރާތަކުން ހުއްދަދޭ ފަރާތްތަކަށް، ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން، ވާކް ވީޒާ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވި އެވެ.
ރާއްޖެ އަންނަ ބަންގްލަދޭޝްގެ މީހުން ރާއްޖޭގައި މަސައްކަތްކުރުމަށް ބޭނުންވާ ވިޒާ އެގައުމުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ދޫކުރުމުގެ އިންތިޒާމް ހަމަޖެއްސެވުމުގެ ކަންތައް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯޓްސް އާއި، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ގުޅިގެން ކުރިއަށް ގެންދާ ގޮތަށް ވެސް ވަނީ ނިންމަވާފަ އެވެ.
މީގެއިތުރުން، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، އެމީހުންގެ ގައުމަށް އަނބުރާ ފޮނުއްވާލެއްވުމުގެ އިތުރު ޕްރޮގްރާމެއް ހިންގެވުމަށްވެސް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވި އެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޑިމޮކްރަސީ ހަރުދަނާ ކުރުމާއި ދެމެހެއްޓުމާބެހޭ ބައިނަލްއަޤްވާމީ ކޮންފަރެންސް، "ޑީޕްނިން އެންޑް ސަސްޓެއިނިން ޑިމޮކްރަސީ އިން އޭޝިޔާ"، 2012 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ރާއްޖޭގައި ބޭއްވެވުމަށް ނިންމެވި އެވެ. އަދި އެކޮންފަރެންސް ރާއްޖޭގައި ބޭއްވެވުމުގެ ތައްޔާރީތައް، ނައިބު ރައީސް ޑޮކްޓަރ މުހައްމަދު ވަހީދުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދެވުމަށް މިއަދު ޖަލްސާއިން ނިންމެވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމުގެ ހާއްސަ އޮޕަރޭޝަނެއް މިމަހުވެސް ވަނީ އައްޑޫގައި ފަށާފަ އެވެ.