އިންޑިއާގެ ވެރިރަށް ނިއު ދިއްލީއާއި މުމްބާއީ އިން ރާއްޖެއަށް ޑައިރެކްޓް ފްލައިޓުތައް ބޭއްވުމަށް މެގަ މޯލްޑިވްސް ތައްޔާރުވެއްޖެ އެވެ.

މެގަމޯލްޑިވްސް އިން މިއަދު ބުނީ މިއަހަރުގެ ނޮވެމްބަރު މަސް ތެރޭ ދިއްލީއިން ރާއްޖެއަށް ޑައިރެކްޓް ފްލައިޓުތައް ފެށުމަށް ރާވާފައިވާ ކަމަށާއި އެމަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ.

"ފުރަތަމަ ދަތުރުތައް ފައްޓާނީ ދިއްލީ އިން. ދެން އެއަށްފަހު މުމްބާއީ އިން ރާއްޖެއަށް ދަތުރުތައް ފަށާނީ. އެގޮތުން ދިއްލީއިން ރާއްޖެއަށް ދަތުރުތައް މިއަަހަރުގެ ފަހު ކޮޅުގައި، ގާތްގަނޑަކަށް ނޮވެމްބަރު މަހާ ހިސާބުގައި ފެއްޓޭނެކަމަށް މިބަލަނީ،" މެގަ މޯލްޑިވްސްގެ ތަރުޖަމާން، ޖާވިދު ފައިސަލް ވިދާޅުވިއެވެ.

ޖާވިދު ސަން އަށް ވިދާޅުވީ ދިއްލީގައި އެކުންފުނީގެ އޮފީހެއް ހުޅުވުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށާއި އެ އޮފީހުން ޓިކެޓް ވިއްކުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

މާލީ ބޮޑެތި ދަތިތަކަކާ ކުރިމަތިލަމުން އަންނަ، ރާއްޖޭގެ ބައިނަލްއަގުވާމީ އެއާލައިން، މެގަ މޯލްޑިވްސްއިން އިންޑިއާއިން ރާއްޖެއަށް ޑައިރެކްޓް ފްލައިޓުތަކެއް ފަށަން ހަމަޖައްސާފައިވާއިރު އެ ކުންފުނިން ވަނީ ފުރަތަމަ ފަހަރަށް އިންޑިއާގައި ޗާޓަރު ފްލައިޓު އޮޕަރޭޝަނެއް ފަށާފައެވެ.

ސަރަހައްދީ ގައުމުތަކުގެ މެދުގައި ޗާޓަރު ފްލައިޓުތަކުގެ ޚިދުމަތް ދެމުން އަންނަ އެ ކުންފުނިން ވަނީ ދާދި ފަހުން ބޮއިންގް 800-737 މަރުކާގެ ފްލައިޓެއް ކުއްޔަށް ގެނެސްފައެވެ.