08 Oct 2016, 14:52
މިއަހަރުގެ އޯގަސްޓު މަހު ސަރުކާރުގެ ޚަރަދު 41.3 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް އެމްއެމްއޭއިން ނެރުނު އިގްތިސާދީ ރިވިއުއިން ހާމަވެއްޖެއެވެ.
އޯގަސްޓު މަހުގެ ތަފާސް ހިސާބުތައް ހިމަނައިގެން މިދިޔަ މަހު ނެރެފައިވާ އިގްތިސާދީ ރިވިއުގައި ވާ ގޮތުން މިއަހަރުގެ އޯގަސްޓު މަހު ސަރުކާރުގެ ޖުމްލަ ޚަރަދަކީ 1.8 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އޯގަސްޓް މަހާ އަޅައިބަލާއިރު 41.3 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި އޯގަސްޓް މަހު ޚަރަދުތައް އިތުރު ވެފައިވަނީ ސަރުކާރުގެ ކެޕިޓަލް ޚަރަދު އިތުރުވުމާ ގުޅިގެންނެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ސަރުކާރުގެ ރިކަރަންޓް ޚަރަދު ވަނީ ދަށަށް ގޮސްފައިކަމަށް އިގްތިސާދީ ރިވިއުގައި ވެއެވެ.
ސެޕްޓެމްބަރު މަހު ނެރެފައިވާ އިގްތިސާދީ ރިވިއުގައިވާ ގޮތުން ސަރުކާރުގެ ރިކަރަންޓު ޚަރަދު ދަށަށް ގޮސްފައިވަނީ އޯގަސްޓު މަހު ސަރުކާރު ހިންގުމުގެ ޚަރަދާ، ޓީ-ބިލްތަކުގެ އިންޓްރަސްޓްގެ ގޮތުގައި ދައްކަންޖެހޭ މިންވަރު އަދި ސަރުކާރު މުވައްޒަފުންގެ އެލަވަންސަށް ކޮށްފައިވާ ޚަރަދު ދަށްވުމާ ގުޅިގެންނެވެ.
މިއަހަރުގެ އޯގަސްޓު މަހު ސަރުކާރުގެ ޚަރަދުތައް 41.3 މިލިއަން ރުފިޔާއަށް ބޮޑުވެފައިވާއިރު އޯގަސްޓު މަހު، ހިލޭ އެހީ ނުހިމެނޭ ގޮތަށް ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.2 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ އޯގަސްޓު މަހާ އަޅައިބަލާއިރު މި އަދަދަކީ 426 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި އޯގަސްޓް މަހު އާމްދަނީ ދަށަށްދިޔުމުގެ މައިގަނޑު ސަބަބަކީ ޓެކްސް އަދި ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީވެސް ދަށްވުމެވެ. ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވެފައިވަނީ ވިޔަފާރި ފައިދާއިން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވުމާ ގުޅިގެންނެވެ.
އަދި މި މުއްދަތުގެ ތެރޭގައި ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ މައިގަނޑު ގޮތެއްގައި ދަށްވެފައިވަނީ ރިސޯޓުތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް ނަގާ ފީގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވުމާ ގުޅިގެން ކަމަށްވެސް އިގްތިސާދީ ރިވިއުގައި އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ.