08 Oct 2016, 13:52
މިއަހަރުގެ އޯގަސްޓް މަހުގައި ވެސް ރާއްޖޭގެ ރަސްމީ ރިޒާވް ދަށްވެއްޖެ ކަމަށް އެމްއެމްއޭއިން ބުނެފިއެވެ.
އެމްއެމްއޭއިން ކޮންމެ މަހަކު ނެރޭ އިގްތިސާދީ ރިވިއުގެ، މި މަހުގެ އަދަދުގައި ބުނާ ގޮތުން އޯގަސްޓް މަސް ނިމުނު އިރު ރާއްޖޭގެ ރިޒާވްގައި ހުރީ 532.5 މިލިޔަން ޑޮލަރެވެ. އެއީ ޖުލައި މަހާ އަޅާ ބަލާއިރު 79.3 މިލިޔަން ޑޮލަރުގެ ދަށްވުމެކެވެ. ނުވަތަ ގާތްގަނޑަކަށް 13 ޕަސަންޓުގެ ދަށްވުމެކެވެ.
މީގެ އިތުރުން ބޭރު ފައިސާގެ މުއާމަލާތްތަކަށް ވަގުތުން ވަގުތަށް ބޭނުންކުރެވެން ހުންނަ ފައިސާ ނުވަތަ ޔޫޒަބަލް ރިޒާވް ވެސް ވަނީ އަނެއްކާވެސް ދަށްވެފައެވެ. ޖުލައި މަސް ނިމުނު އިރު ޔޫޒަބަލް ރިޒާވްގައި 207.9 މިލިޔަން ޑޮލަރު ހުރި އިރު، އޯގަސްޓް މަސް ނިމުނު އިރު އެ އަދަދު ހުރީ 186.1 މިލިޔަން ޑޮލަރުގައެވެ.
އެމްއެމްއޭއިން ބުނީ ރިޒާވް ދަށްވުމަށް ދިމާވި މައިގަނޑު ސަބަބަކީ، ރާއްޖެއަށް ބޭރު ފައިސާ ލިބުމުގެ ދަތިކަމަށް ލުޔެއް ހޯދުމަށް އެމއެމްއޭއިން ބޭންކުތަކަށާއި ސަރުކާރުގެ ކުންފުނިތަކަށް ބޭރު ފައިސާ ވިއްކި އަދަދު އިތުރުކޮށްފައި ވާތީ ކަމަށެވެ.
އެމްއެމްއޭއިން މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ހާމަކުރި ގޮތުގައި، ހަފްތާއަކު އެ އިދާރާއިން ހަތަރު މިލިޔަން ޑޮލަރު ވިއްކާ ކަމަށެވެ.
ރުފިޔާގެ އަގު ހިފެހެއްޓުމަށާއި އާންމުންގެ އަސާސީ ބޭނުންތައް ހަމަޖެއްސަން ދިމާވާ ދަތިތަކަށް ކޮންމެ ވެސް ލުޔެއް ހޯދައިދިނުމަށް ކޮންމެ ހަފްތާއަކު ކޮންމެ ހަފްތާއަކު 4.3 މިލިޔަން ޑޮލަރު އެބޭންކުން ވިއްކައެވެ.
މިއަހަރު ހައްޖު ޖަމާއަތްތަކަށް 2.6 މިލިޔަން ޑޮލަރު އެމްއެމްއޭއިން ވިއްކި އިރު، ބީއެމްއެލް މެދުވެރިކޮށް ޕްރީޕެއިޑް ކާޑު ބޭނުންކޮށްގެން ފައިސާ ނެގޭނޭ އިންތިޒާމް ހަމަޖައްސައި، ގާތްގަނޑަކަށް 1.6 މިލިޔަން ޑޮލަރު އެމްއެމްއޭއިން ވިއްކިއެވެ.
ހައްޖަށް ދާ ފަރާތްތަކަށް ފަސޭހައިން ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމަށް ކޮންމެ ހައްޖު ވެރިއަކަށް 500 ޑޮލަރުގެ ރޭޓުން 1,550,000.00 ޑޮލަރު ވިއްކާފައިވާ ކަމަށް ވެސް އެމްއެމްއޭއިން ބުނެ އެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރަށް ދާ ދިވެހީންނަށް ވެސް ޑޮލަރު ލިބޭނެ މަގު ތަނަވަސް ކޮށްދިނުމަށް އެމްއެމްއޭއިން ބޭންކުތަކަށް ޑޮލަރު ދޫކުރެއެވެ.
އެގޮތުން، ދުވާލަކު 500 ޓިކެޓަށް، ކޮންމެ ޓިކެޓަކަށް 500 ޑޮލަރު ވިއްކި އިރު އީދާ ދިމާކޮށް ރާއްޖެއިން ބޭރަށް ދާ ދިވެހިން އިތުރުވުމާ ގުޅިގެން ކޮންމެ ދުވަހަކު 700 ޓިކެޓަށް ޑޮލަރު ވިއްކިއެވެ.