އދ. މަޖިލިސް(އޮކްޓޯބަރ 8): ސޫރިޔާގެ މައްސާލައި އދ.ގެ ސަލާމަތީ މަޖިލީހަށް ދެ ގަރާރެއް މިއަދު ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އެއްގަރާރަކީ ހަނގުރާމަ ހިނގާ ސަރަހައްދުތަކުގައިވާ ސޫރިޔާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި ސޫރިޔާގެ ހަނގުރާމަ ވަގުތީގޮތުން ހުއްޓާލުމަށް ގޮވާލައި ފަރަންސޭސިވިލާތުން ހުށަހަޅާ ގަރާރެކެވެ. އަނެއް ގަރާރަކީ މިދިޔަ ސެޕްޓެމްބަރުމަހު އެމެރިކާއާއި ރަޝިޔާ އެއްބަސްވެފައިވާ ގޮތަށް ސޫރިޔާގެ ހަނގުރާމަ ވަގުތީގޮތުން ހުއްޓާލައި ހާލުގައިޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީފޯރުކޮށްދިނުމަށް ގޮވާލައި ރަޝިޔާއިން ހުށަހަޅާ ގަރާރެކެވެ.

މިދެ ގަރާރަށްވެސްވަނީ ވީޓޯކުރުމުގެބިރާ ކުރިމަތިލާންޖެހިފައެވެ.

ފަރަންސޭސީންގެ ގަރާރާ ދެކޮޅަށް ވީޓޯކުރާނެ ކަމުގެ ބިރު ރަޝިޔާ ދައްކާފައިވާއިރު އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ވަނީ ރަޝިޔާގެ ގަރާރާ ދެކޮޅަށް ވީޓޯކުރާނެ ކަމުގެ އިންޒާރު ދީފައެވެ. ފަރަންސޭސި ގަރާރަށް ރަޝިޔާ ދެކޮޅު ހަދަނީ ސޫރިޔާގެ ހަނގުރާމަ ހުއްޓުވަން ގޮވާލަންޖެހޭނީ މިދިޔަމަހު އެމެރިކާއާއި ރަޝިޔާ އެއްބަސްވެފައިވާ އުސޫލުގެ މަތިންކަމަށް ރަޝިޔާ ދެކޭތީއެވެ.

އދ. ގެ ސަލާމަތީ މަޖިލސް

ރަޝިޔާގެ ގަރާރާ ދެކޮޅަށް ވީޓޯކުރާނެ ކަމުގެ އިންޒާރު އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ދިނީ އެމެރިކާއާއި ރަޝިޔާގެ އެއްބަސްވުމަކީ އެއާއެއްގޮތަށް މިހާރު އަމަލުކުރަންޖެހޭނެ އެއްޗެއްކަމަށް އެތިން ގައުމު ގަބޫލުނުކުރާތީއެވެ. މީގެ ތިންހަފްތާކުރިން އެމެރިކާއިން ވަނީ ރަޝިޔާގެ އިޚްލާސްތެރިކަން ނެތުމުގެ ސަބަބުން އެ އެއްބަސްވުމަށް އަމަލުނުކުރާނެ ކަމަށްބުނެފައެވެ. ސޫރިޔާގެ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން މިދިޔަމަހު އެއްބަސްވި އެއްބަސްވުމަށް އަމަލުކުރެވޭގޮތް ނުވީ އެމެރިކާގެ ދިފާއީ ވުޒާރާއިން އެ އެއްބަސްވުން ގަބޫލުނުކުރުމާ ގުޅިގެންނެވެ.

އެ އެއްބަސްވުމަށް އަމަލުކުރިޔަ ނުދިނުމަށްޓަކައި އެމެރިކާ ސިފައިންވަނީ އޮޅިގެންކަމަށްބުނެ ސޫރިޔާ ސަރުކާރު ސިފައިންނަށް ހަމަލާދީ ސޫރިޔާ ސިފައިންގެ 80 އަށްވުރެ ގިނަމީހުން މިދިޔަ މަހުގެ ފަހުކޮޅު މަރާލާފައެވެ. އޮޅިގެންކަމަށް ބުނެ ދޮގުހަދައިގެން ޕެންޓަގަންއިން ސޫރިޔާ ސިފައިންނަށް މިހަމަލާދިނީ އެ އެއްބަސްވުން ބާތިލްކޮށް ރަޝިޔާ ރުޅިއަރުވާލުމުގެ ބޭނުމުގައި ކަމަށް އެމެރިކާގެ ނޫސްތަކުންވަނީ ބުނެފައެވެ. މިއާއެކު އެމެރިކާގެ މަދަދުލިބޭ ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ދޭ ވައިގެ ހަމަލާތައް، ރަޝިޔާއާއި ސޫރިޔާއިން އިތުރުކުރުމުގެ ނަތީޖާއެއްގެ ގޮތުން އެމެރިކާވަނީ ރަޝިޔާގެ އިޚްލާސްތެރިކަން ނެތްކަމަށްބުނެ ސޫރިޔާގެ މައްސަލާގައި ރަޝިޔާއާ ވާހަކަ ނުދައްކާނެ ކަމަށް ބުނެފައެވެ.

ނަމަވެސް މިކަން އެމެރިކާގެ ޚާރިޖީ ވުޒާރާއިން އިޢުލާންކުރިތާ ދެދުވަހުގެ ތެރޭގައި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީވަނީ ސޫރިޔާގެ މައްސަލާގައި އަނެއްކާވެސް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް އާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ.

އަނެއްކޮޅުން އެމެރިކާ ވަނީ ރަޝިޔާގެ ތާއީދު ލިބިފައިވާ ސޫރިޔާ ސަރުކާރު ސިފައިން ބަލިކޮށްލުމަށްޓަކައި ސޫރިޔާ ސިފައިންނަށް އަމާޒުކޮށް ވައިގެ ވަރުގަދަ ހަމަލާތަކެއް ދޭން ރާވާކަމުގެ އިންޒާރު ދީފައެވެ. މި އިންޒާރާ ގުޅިގެން ރަޝިޔާ ވަނީ އެގައުމުގެ އަސްކަރީ މުލައްދަނޑީގެ ބާރު ސޫރިޔާގައި ދައްކާލާފައެވެ. މި ބާރު ދައްކާލުމުގެ ގޮތުން ރަޝިޔާ ވަނީ އެމެރިކާގެ މިސައިލްތަކާއި އަސްކަރީ ބޯޓުތައް ވައްޓާލެވޭފަދަ ބާރުގަދަ ވައިގެ ދިފާއީ ދެ ނިޒާމު ސޫރިޔާގައި ރުކުރުވާލާފައެވެ. އެއީ އެސް 300ގެ ނިޒާމަކާއި 400ގެ ނިޒާމެކެވެ. މީގެއިތުރުން ރަޝިޔާވަނީ 7 ހާސް ކިލޯމީޓަރުގެ ދުރުރާސްތާގެ އިންޓަކޮންޓިނެންޓަލް ބެލަސްޓިކް މިސައިލެއްވެސް ތަޖްރިބާކޮށްފައެވެ.

ރަޝިޔާގެ އެސް 400 ގެ ވައިގެ ދިފާއީ ނިޒާމު

މިއީ އެމެރިކާއަށް ފޯރާ ވަރުގެ ދުރުރާސްތާގެ ބެލަސްޓިކް މިސައިލެކެވެ. މީގެއިތުރުން ރަޝިޔާ ވަނީ އެގައުމުގެ އަސްކަރީ ތިންމަނަވަރު ސޫރިޔާގެ ކަނޑުގެ އައްސޭރި ފަށަށްފޮނުވާފައެވެ. ރަޝިޔާގެ މިފިޔަވަޅުތަކާ ގުޅިގެން އެމެރިކާއަށް ސޫރިޔާ ސިފައިންނަށް ހަމަލާދޭން ނުކެރޭނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ. ސަބަބަކީ ރަޝިޔާގެ ރައްދު ހަމަލާއެއް އެމެރިކާގެ ބާރުތަކަށް ކުރިމަތިވެ އެމެރިކާ ސިފައިންގެ އެތަށް ބަޔަކު މަރުވެދާނެ ކަމުގެ ބިރު ހީވުމެވެ. އެމެރިކާއަކީ ބާރުގަދަ ގައުމުތަކަށް ހަމަލާދޭ ގައުމެއް ނޫނެވެ.

ފަހުގެ ތާރީޚަށް ބަލާއިރު އެމެރިކާ ހަމަލާދީފައިވަނީ ހަނގުރާމަވެރި ޖަމާއަތްތަކަށާއި އެމެރިކާއަށް ރައްދު ނުދެވޭފަދަ އަސްކަރީ ބާރު ދެރަ ގައުމުތަކަށް ކަމަށްވާތީއެވެ. (ރޮއިޓާސް)