07 Jun 2011, 18:01
ހޮޓާ ކެފޭ، ރެސްޓޯރެންޓް ފަދަ ކާބޯތަކެތި އުފައްދާ ވިއްކާ ތަންތަން ފާސް ކުރުމުގެ އޮޕަރޭޝަންގައި އަނެއްކާވެސް އިތުރު ދެ ތަނެއް ބަންދުކޮށް ތަޅު އަޅުވައިފި އެވެ. ފުޑް އެންޑް ޑްރަގް އެތޯރިޓީ )އެމްއެފްޑީއޭ( އިން މިއަދު ބަންދު ކުރީ މަޝްހޫރު ފަސޭހަ ޕޮއިންޓް ހޮޓަލާއި އާއި ހާބަރުގައި ސައި ވިއްކާ ކަޑައެކެވެ. ހާބަރުން ބަންދު ކުރީ ޝެފްސް ކެފޭ އެވެ. މިއީ މި އޮޕަރޭޝަންގައި އާ ހާބަރުން ބަންދުކުރި ދެ ވަނަ ކަޑަ އެވެ.
އެމްއެފްޑީއޭގެ މީޑިއާ އޮފިޝަލު ޖަމީލާ މުހައްމަދު މިއަދު ވިދާޅުވީ އޮޕަރޭޝަންގައި މިހާތަނަށް 69 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޝެފްސް ކެފޭ ބަންދުކުރީ އާއްމު ސާފުތާހިރުކަން ކުޑަވުމާއެކު މުވައްޒަފުންގެ ސާފުތާހިރުކަން ނެތުމާއި ތަނުގެ ސްޓްރަކްޗާ ހުރި ގޮތަށް ބަލާފައި ކަމަށެވެ.
" އާއްމު ސާފުތާހިރުކަން ކުޑަވެއްޖެ ކަމުގައިވާނަމަ ކާބޯތަކެތި ތަޣައްޔަރުވުމުގެ ފުރުސަތު ވަރަށް ބޮޑުވެގެންދާނެ،" ޖަމީލާ ވިދާޅުވި އެވެ.
މަސްބުރި ރިހަ ވިއްކުމުގައި މަޝްހޫރު ފަސޭހަ ޕޮއިންޓް ހޮޓާ ބަންދުކުރީ ސާފު ތާހިރުކަން ވަރަށް ބޮޑަށް ކުޑަވެ، ތަނުގެ ތަޅުންގަނޑުގައި ކާއެއްޗެހި ބެހެއްޓުމާއި ކާބޯތަކެތި ތައްޔާރުކުރާ ތަނުގެ ތޭރޭ ހުރި ފާހާނާއެއްގެ ތެރޭގައި ދިރޭ ބަކަރިއެއް ބަދެފައި އޮތުމުގެ ސަބަބުން ކަމަށް ވެސް ޖަމީލާ ވިދާޅުވި އެވެ.
" ކާބޯތަކެތި ބޭނުންކުރާތަނެއްގެ ސަރަހައްދުގެ ތެރޭގައި ދިރޭތަކެތި ބޭނުންކުރަމުން ދިޔައީ، އެހެންކަމުގައިވާނަމަ ރައްކާތެރިގޮތުގައި އާއްމުންނަށް ފޯރުކޮށެއް ނުދެވޭނެ، އަނެއް ކޮޅުން ރޯމަސް އެއްޗެހި މިހުންނަނީ މީހުން ހިންގާ ބިނގާވެ އުޅޭ ބަދިގޭގެ ތަޅުންގަނޑުމަތީގައި އުކާލާފައި، މީގެއިތުރުން ރިހަ ތެއްޔާއި ބަތްތެލި ފަދަ އެއްޗެހި ވެސް ބަހައްޓާފައި މިހުންނަނީ ތަޅުންގަނޑު މަތީގައި ރައްކާތެރި ނޫން ގޮތަކަށް،" ޖަމީލާ ވިދާޅުވި އެވެ.
ފަސޭހަ ޕޮއިންޓް މިއަދު ބަންދުކުރި ފަހުންވެސް އެ ހޮޓަލުން އާއްމުންނަށް ހިދުމަތް ދީފައިވާކަން ސަން އަށް ވަނީ އިނގިފަ އެވެ. ޖަމީލާ ވިދާޅުވީ ތަނެއް އެ އޮތޯރިޓީން ބަންދުކުރުމަށް އެނގުމުންވ ެސް ހިދުމަތްދޭ ކަމުގައިވާނަމަ އެބަޔަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
މިކަމާ ގުޅިގެން މިއަދު ބަނދުކުރި ދެ ތަނުގެ އިސްވެރިއެއްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އެމްއެފްޑީއޭ އިން މިހާރު ކުރިއަށް ގެންދާ އެއޮޕަރޭޝަން އަކީ ކުރިން އެއްމަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ރޭވި ކަމެއް ކަމުގައިވީނަމަވެސް މާލެ ސިޓީގެ ސައިހޮޓޯ ރެންޓޯރެންޓް ފަދަ ތަންތަނުގެ ސާފުތާހިރުކަން ކުޑަކަމުގެ ސަބަބުން އެއޮޕަރޭޝަން އިތުރަށް ދިގުދެމިގެން ހިންގާދާނެ ކަމަށްވެސް އެއޮތޯރިޓީން ބުންޏެވެ.
ފަސޭހަ ޕޮއިންޓާއި ޝެފްސް ކެފޭއާއެކު މިހާތަނަށް މި އޮޕަރޭޝަންގައި ހަތަރު ތަނެއް ވަނީ ބަންދުކޮށްފަ އެވެ.
>> ހަބަރާ ގުޅޭ އޯޑިއޯ އަޑު އެއްސެވުމަށް