އެމެރިކާގެ ފްލޮރިޑާއަށް ތޫފާން މެތިއު އަރާފައިވާ އިރު، ފްލޮރިޑާގައި ތިބި ހަތަރު ދިވެއްސަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ފްލޮރިޑާގައި ހަތަރު ދިވެއްސަކު ތިބި ކަމަށާއި، ފޮރިން މިނިސްޓްރީން އެ ހަތަރު މީހުންނާ ގުޅާފައިވާ ކަމަށެވެ.

އަދި އެ ހަތަރު މީހުން ވެސް މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ތޫފާން މެތިއު، ކެރީބިއަންގެ ބައެއް ޖަޒީރާ ގައުމުތަކަށް އެރުމަށްފަހު ފްލޮރިޑާއަށް މިހާރު އަރާފައިވާ އިރު އެސްޓޭޓުން ހަ މީހަކު ވަނީ މަރުވެފައެވެ. އަދި ފްލޮރިޑާގެ މިލިޔަނަކަށް ވުރެ ގިނަ މީހުން މިވަގުތު ވަނީ ކަރަންޓުގެ ޚިދުމަތުން މަހުރޫމުވެފައެވެ. ފްލޮރިޑާގެ ބައި މިލިޔަނަށް ވުރެ ގިނަ ރައްޔިތުން މިވަގުތު ތިބީ ރައްކާތެރި ހިސާބުތަކުގައެވެ.

އެމެރިކާގެ ޖޯޖިއާ އަދި ދެކުނު ކެރޮލައިނާ ސްޓޭޓަށް ވެސް މި ތޫފާނުގެ އަދަރު ކޮށްފާނެ ކަމަށް ބެލެވޭތީ، އެ ސްޓޭޓުތަކުގައި ކަނޑުގެ އައްސޭރިފަށުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް އެ ސްޓޭޓުތަކުގެ އޮފިޝަލުން ވަނީ ނަސޭހަތްތެރިވެފައެވެ.

އެމެރިކާއަށް ތޫފާން މެތިއު އެރުމުގެ ކުރިން އެ ތޫފާން ވަނީ ކެރީބިއަންގެ ބައެއް ގައުމުތައް ސުންނާފަތި ކޮށްލާފައެވެ. އެގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ހެއިޓީއަށެވެ. ހެއިޓީގެ ސިވިލް ޕްރޮޓެކްޝަން އޭޖެންސީން ބުނާ ގޮތުގައި 271 މީހަކު ވަނީ މަރުވެފައެވެ.

ނަމަވެސް ހެއިޓީގެ ކަމާ ބެހޭ ފަރާތްތަކާ ހަވާލައިދީ، ރޮއިޓާސްއިން ރިޕޯޓު ކުރާ ގޮތުގައި ހަރިކޭން މެތިއުއާ ގުޅިގެން ހެއިޓީގެ 842 މީހަކު ވަނީ މަރުވެފައެވެ.