ސައުދީ އަރަބިއްޔާގެ މެދު ތެރޭގެ ސިޓީއެއް ކަަމަށްވާ ސުދައިރް ސިޓީގައި ކޮކާ ކޯލާ ކުންފުނީގެ ޕްލާންޓެއް ގާއިމް ކުރަން ނިންމައިފިއެވެ.

ކޮކާކޯލާ ކުންފުނިން ހާމަ ކުރާ ގޮތުގައި މި ޕްލާންޓުގެ އަގަކީ 80 މިލިއަން ޑޮލަރެވެ. އަދި ސުދައިރުގައި ގާއިމް ކުރާ މި ޕްލާންޓުގެ ބޮޑު މިނުގައި 187،000 ސްކެއާ މީޓަރު ހުންނާނެ ކަމަށާއި މި ޕްލާންޓުގެ ސަަބަބުން އެގައުމުގެ 200 އަށް ވުރެ ގިނަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

ަދެހާސް ނަވާރަ ވަނަ އަހަރުގެ ނިޔަލަށް މި ޕްލާންޓުގެ މަސައްކަތް ނިމޭނެ ކަމަށް އެކުންފުނިން ލަފާކޮށްފައިވާއިރު މި ޕްލާންޓުން އުފައްދަން ނިންމާފައިވަނީ ސޮފްޓް ޑްރިންކްސްތަކާއި ފެނެވެ.

މި ޕްލާންޓުގެ ސަބަބުން ސައުދީ އަރަބިއްޔާގައި ކޮކާކޯލާގެ އޮޕަރޭޝަންސްތައް ހަލުވިކަމާ އެކު ކުރިއަށް ގެންދިއުމަށް މަގުފަހި ވެގެންދާނެ އެވެ. އަދި އެކުންފުނީގެ ކެޕޭސިޓީއާއި ޕްރޮޑަކްޝަންވެސް އިތުރުވެގެން ދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ކޮކާ ކޯލާގެ ޕްލާންޓެއް އެގައުމުގެ ސުދައިރު ސިޓީގައި ގާއިމް ކުރުމަށް އެކުންފުނިން ނިންމާފައިވަނީ އެ ސިޓީ އަކީ ރޭލްވޭތައް ގިނަ، އަދި ގައުމުގެ ވެރިރަށް ރިޔާޒް އާ ގުޅާލެވިފައިވާ ސިޓީއެއް ކަމަށްވާތީ އެވެ.