މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ލިބުނު އަނިޔާއަށްފަހު، އެނބުރި އައިސް ގައުމީ ޓީމަށް ހަތަރު ލަނޑު ކާމިޔާބުކޮށްދެވުމުން އުފާކުރާ ކަމަށް ޕޯޗުގަލް ގައުމީ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ރޮނާލްޑޯ އަށް ލިބުނު އަނިޔާއާ ގުޅިގެން ވޯލްޑް ކަޕް ކޮލިފައިން ޕޯޗުގަލް ފަށަން ޖެހުނީ އޭނާ ނުލަ އެވެ. ކޮލިފައިންގެ ފުރަތަމަ މެޗުގައި ރޮނާލްޑޯ ނުލައި ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުން ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް ވަނީ 2-0 ލަނޑުގެ ނަތީޖާއަކުން ބަލިވެފަ އެވެ.

ކޮލިފައިންގައި ރޭ ޕޯޗުގަލް ނުކުތީ އެންޑޯރާއާ ދެކޮޅަށެވެ. ޕޯޗުގަލް 6-0 ލަނޑުން މޮޅުވި އެ މެޗުގައި ރޮނާލްޑޯގެ ފަރާތުން ހަތަރު ލަނޑު ފެނިގެންދިޔަ އެވެ. އެ މެޗުގައި ރޮނާލްޑޯ ފުރިހަމަކުރި ހެޓްރިކަކީ އޭނާގެ ކެރިޔަރުގައި ފުރިހަމަކުރި 42 ވަނަ ހެޓްރިކެވެ.

އެންޑޯރާއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ޕޯޗުގަލް އަށް ލަނޑެއް ކާމިޔާބުކޮށްދިނުމަށް ފަހު، ރޮނާލްޑޯ އުފާފާޅުކުރަނީ: ރޮނާލްޑޯގެ ހަތަރު ލަނޑާއެކު އެ މެޗުން ޕޯޗުގަލް މޮޅުވެފައިވަނީ 6-0 ލަނޑުން --- ފޮޓޯ: ރޮއިޓާސް

"އަހަރެންނަށް އެނގޭ ފަހަތަށް އިސްކަމެއް ދީގެން ކުޅޭ ޓީމެއްގެ ކޮޅަށް ކާމިޔާބުކުރާ ފުރަތަމަ ލަނޑަކީ ވަރަށް މުހިންމު ލަނޑެއް ކަން. އަހަރެންނަށް އެނގޭ އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް އަހަރެންނަކީ ވެސް މުހިންމު ކުޅުންތެރިއެއް ކަން. އަނިޔާ އަށް ފަހު އެނބުރި އައިސް ދެއްކުނު ކުޅުމާ މެދު އުފާކުރަން،" ޕޯޗުގަލް ތަރި ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ، ޕޯޗުގަލް ގައުމީ ޓީމަށް ދެއްކޭނެ އެންމެ ރަނގަޅު ކުޅުން ދައްކާ ކަމަށާއި ވޯލްޑް ކަޕަށް ކޮލިފައިވުމަށްޓަކައި ކުރިއަށް އޮތް އަށް މެޗުން ވެސް މޮޅުވާން ބޭނުންވާ ކަމަށެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ޕޯޗުގަލް އޮތީ ސްވިޒަލެންޑާއި، ފޭރޯ އައިލެންޑްސް އާއި، ލެޓްވިއާ އާއި، ހަންގޭރީ އަދި އެންޑޯރާއާ އެކު 'ގްރޫޕް ބީ' ގައެވެ. ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޕޯޗުގަލް މި ވަގުތު އޮތީ އެ ގްރޫޕްގެ ތިން ވަނައިގައެވެ.