ބޮގޯޓާ(އޮކްޓޯބަރު 8): ކޮލަމްބިއާގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު 52 އަހަރު ވަންދެން ކުރިއަށް ދިޔަ ހަމަނުޖެހުންތައް ނިމުމަކަށް ގެނުވި އެގައުމުގެ ރައީސް ހުއާން މެނުއެލް ސަންޓޯސް އަށް ނޮބެލް ސުލްހައިގެ އިނާމް ދީފި އެވެ.

ނޮބެލް ކޮމިޓީން ވަނީ ކޮލަމްބިއާގެ ސަރުކާރާއި އިދިކޮޅު ރިވޮލިއުޝަނަރީ އާމްޑް ގްރޫޕް އޮފް ކޮލަމްބިއާ (ފާކް) އާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއިމު ކުރުމަށް ސަންޓޯސް ކުރެއްވި މަސައްކަތަށް ތައުރީފުކޮށްފައެވެ.

ސަންޓޯސް ވަނީ އެގައުމުގައި ކުރިއަށް ދިޔަ ދާހިލީ ހަމަނުޖެހުންތަކުގެ ޝިކާރައަކަށްވި ފަރާތްތަކަށް އިނާމު ހާއްސަ ކުރައްވާފައެވެ. އަދި ފާކްގެ ލީޑަރު ރޮޑްރިގޯ ލޮންޑޮނޯ ވަނީ ރައީސަށް މަރުހަބާ ވިދާޅުވެފައެވެ.

ކޮލަމްބިއާގެ ސަރުކާރާއި ފާކްއިން މިދިޔަ އޮގަސްޓް މަހު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ކުރިން ދެފަރާތުގެ މެދުގައި ކުރިއަށް ދިޔަ ހަމަނުޖެހުންތަކުގައި 260،000 ވަރަަކަށް މީހުން މަރުވެ، ހަ މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ނެތިފައިވެ އެވެ.

ނަމަވެސް ހަތަރު އަހަރުގެ މަޝްވަރާތަކަށް ފަހު ދެފަރާތުން ހެދި އެއެއްބަސްވުމާ ބެހޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުން، ގިނަ ރައްޔިތުން ވަނީ އެއްބަސްވުމާ ދެކޮޅަށް ވޯޓު ލާފައެވެ. ރައްޔިތުން އެގޮތަށް ވޯޓު ދިން ނަމަވެސް ފާކްއާ އެކު ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދާނެ ކަމަށް ސަންޓޯސް ވަނީ ވިދާޅުވެފައެވެ.

ނޮބެލް ސުލްހައިގެ އިނާމު ސަންޓޯސްއަށް ދީފައި ވަނީ 376 ކެނޑިޑޭޓުންގެ ލިސްޓަކުންނެވެ. އެލިސްޓުގައި ދެން ހިމެނުނު ފަރާތްތަކުގެ ތެރޭގައި ސީރިއާގައި މީހުން ސަލާމަތް ކުރުމަށް ހަރަކާތްތެރިވާ ވައިޓް ހެލްމެޓްސް އާއި ޔޫރަޕަށްދާ ރެފިއުޖީންނަށް އެހީތެރިވާ ގްރީސްގެ އައްސޭރިފަށުގައިވާ ރަށްތަކަށް ނިސްބަތްވާ މީހުން ހިމެނެ އެވެ. (ބީބީސީ)