08 Oct 2016, 13:09
ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީގައި އެމަނިކުފާނާ ޚިޔާލު ތަފާތުވެފައި ތިބި މެމްބަރުންނާ އެކު، ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.
ރައީސް މައިތުރިޕާލަ ސިރިސޭނާއާއި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައާ ދެ ބޭފުޅުންވެސް ނިސްބަތްވެވަޑައިގަންނަވަނީ ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ)އަށެވެ. އެހެން ނަމަވެސް 2015 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން މަހިންދަ ރާޖަޕަކްސަ ވެރިކަމަށް ކުރިމަތިލެއްވި ނަމަވެސް، އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ނުކުމެވަޑައިގަތީ ރާޖަޕަކްސަގެ ކެބިނެޓުގައި އޭރު ހުންނެވި ސިރިސޭނާއެވެ.
ސިރިސޭނާ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ބޮޑުވަޒީރުކަން ދެއްވީ އިދިކޮޅު ޔުނައިޓެޑް ނޭޝަނަލްޕާޓީ (ޔޫއެންޕީ)ގެ ލީޑަރު ރަނިލް ވިކްރަމަސިންހައަށެވެ. އަދި ރައީސްގެ ރިޔާސީ ބާރުތައް އަމިއްލައަށް ހަނިކުރައްވައި، ބޮޑުވަޒީރަށް އިތުރު ބާރުތަކެއް ލިބޭގޮތަށް ގާނޫނަށް ވެސް ސިރިސޭނާ އިސްލާހު ހުށަހަޅުއްވައި، އެކަންކަން ތަސްދީގު ކުރެއްވިއެވެ. އެސްއެލްއެފްޕީއާއި ވެރިކަން ކުރާ ޔޫއެންޕީއިން ވަނީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެގައުމުގައި ގާއިމުކޮށްފައެވެ.
މިކަމާ، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައާއި، އެސްއެލްއެފްޕީގައި އޭނާއަށް ވަފާތެރި މެމްބަރުން ނުރުހުންވެ، އިދިކޮޅު ފެކްޝަނެއް އެ ޕާޓީގައި ހަދާފައިވެއެވެ. އަދި ޕާލަމެންޓުގައި ވައަތު ފިޔައިގެ ޕާޓީތަކާ އެކުވެ، "ޖޮއިންޓް އޮޕޮޒިޝަން" ނުވަތަ ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ނަމުގައި ދަނީ އެކުގައި މަސައްކަތް ކުރަމުންނެވެ.
ޕާލަމެންޓުގެ މެމްބަރުކަން މިހާރު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އިސްކޮށް ހުންނަވައިގެން އިދިކޮޅު އިއްތިހާދަށް އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް މިހާރު ދަނީ ކުރައްވަމުންނެވެ.
ލަންކާގެ މީޑިއާގައި ރިޕޯޓު ކުރާ ގޮތުން އަންނަ ހަފްތާގައި މި މަސައްކަތް ކޮށް ނިންމާ އިރު، މިވަގުތު ރާޖަޕަކްސަ އިސްކޮށް ހުންނަވައިގެން ކުރައްވާ މަސައްކަތަކީ އާ ޕާޓީއަށް ކިޔާނެ ނަމެއް ފައިނަލް ކުރުމެވެ. އިދިކޮޅު އިއްތިހާދާ ގުޅުންހުރި ފަރާތްތަކުން ލަންކާގެ މީޑިއާއަށް ހިއްސާކުރި ގޮތުގައި، ޕާޓީއަށް ކިޔާނެ ނަމަކާ މެދު، އީމެއިލްއާއި ޕޯސްޓް މެދުވެރިކޮށް ގާތްގަނޑަކަށް 12،000 ޚިޔާލު އާންމުން ވަނީ ފޮނުވައިފައެވެ.
މީގެ އިތުރުން އާ ސިޔާސީ ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.