ބަންގްލަދޭޝްގައި ބާއްވާ އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް) ޓްރޮފީގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުގެ މެޗުތައް ވެސް މާދަމާ ކުރިއަށްދާނެ އެވެ.

އެ މުބާރާތުގެ ފިރިހެން ޑިވިޝަން އަދި އަންހެން ޑިވިޝަންގެ މެޗުތައް މާދަމާ ފެށުމަށް ހަމަޖެހިފައިވާ އިރު، އެ ދެ ޑިވިޝަންގެ ވެސް ފުރަތަމަ މެޗުގައި އެއްކޮޅުން ނުކުންނާނީ ރާއްޖޭގެ ޓީމެވެ.

މާދަމާ ފަށާ އެ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭގެ ފިރިހެން ޓީމު ނުކުންނަން ޖެހޭނީ ޕާކިސްތާނާ ދެކޮޅަށެވެ. އަދި އަންހެން ޓީމު މާދަމާ ނުކުންނަން ޖެހޭނީ ނޭޕާލާ ދެކޮޅަށެވެ.

ރާއްޖޭގެ ފިރިހެން ޓީމު އޮތީ ޕާކިސްތާނާއި، އަފްޣާނިސްތާން އަދި ނޭޕާލާ އެކު 'ގްރޫޕް އޭ'ގައެވެ. ރާއްޖޭގެ އަންހެން ޓީމު އޮތީ ނޭޕާލާއި، އިންޑިއާ އަދި ޕާކިސްތާންއާ އެކު 'ގްރޫޕް ބީ'ގައެވެ.

އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަންގެ ފަރާތުން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ އައިއެޗްއެފް ޓްރޮފީގައި ރާއްޖޭގެ ފަރާތުން މި އަހަރު ވާދަކުރަނީ 19 އަހަރުން ދަށުގެ އަންހެން ޓީމަކާއި 20 އަހަރުން ދަށުގެ ޓީމެކެވެ.

އެ މުބާރާތް ކުރިއަށްދާނީ މާދަމައިން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ބަންގްލަދޭޝް ޑާކާގައެވެ.