ޕޯޓްއައުޕްރިންސް(އޮކްޓޯބަރު 8): ކެރިބިއަން ރަށްތަކަށް ފާއިތުވި 10 އަހަރު ތެރޭގައި އެރި އެންމެ ބާރުގަދަ ތޫފާނުގެ ގޮތުގައި ފާހަގަކޮށްފައިވާ ހަރިކޭން މެތިއުއަށް ފަހު ހެއިޓީން މަރުވި މީހުންގެ އަދަދު 842ށް އަރައިފި އެވެ.

މިދިޔަ ހަފްތާ ތެރޭގައި ހެއިޓީއަށް އެރި ތޫފާނަށް ފަހު އެގައުމުގެ އައްސޭރިފަށުގައިވާ ސަރަހައްދުތަކާ އެހީ ފޯރުކޮށްދޭ ފަރާތްތަކާ ވަނީ ގުޅުން ކެނޑިފައެވެ. ވޯލްޑް ފުޑް ޕްރޮގްރާމްސް އިން ބުނި ގޮތުގައި ތޫފާނުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ދެވެން އޮތީ ހަމައެކަނި ކަނޑާއި ވައިގެ ޒަރިއްޔާއިންނެވެ.

އަދި އައްސޭރިފަށުގައިވާ ރަށްތަކުގައި ކްލިނިކްތައް ފުރުމުގެ ސަބަބުން ބޮޑެތި އަނިޔާތަކަށް ފަރުވާ ލިބިފައި ނުވާ ގިނަ މީހުން ތިބި ކަމަށް ރިޕޯޓުތަކުގައިވެ އެެވެ. އަދި ބޯފެނާއި ނަޖިސް އެއްވުމުން ކޮލެރާ ޖެހިގެން މިހާތަަނަށް ހަތް މީހަކު މަރުވެފައިވެ އެވެ.

ހެއިޓީގެ ސަރުކާރާއި ޔޫއެން އިން ލަފާ ކުރާ ގޮތުގައި އެހީއަށް ބޭނުންވެފައިވާ 350،000ށް ވުރެ ގިނަ މީހުން މިހާރު ހެއިޓީގައި އެބަތިއްބެވެ. އަދި ރެޑް ކްރޮސް އިން ވަނީ 50،000 މީހުންނަށް އެހީ ފޯރުކޮށް ދިނުމުގެ ގޮތުން 6.9 މިލިއަން ޑޮލަރުގެ އެހީ ހޯދުމަށް ކެމްޕެއިނެއް ފަށާފައެވެ.

ހެއިޓީ އާއި ކިއުބާ އާއި ޑޮމިނިކަން ރިޕަބްލިކަށް ފަހު ހަރިކޭން މެތިއުގެ އަސަރު މިހާރު ކުރަމުން ދަނީ އެމެރިކާގެ އިރުދެކުނުގައިވާ ސަރަހައްދުތަކަށެވެ. އޭގެ ސަބަބުން އެމެރިކާގެ ބައެއް ސްޓޭޓުތަކުގައި ކުއްލި ހާލަތު އިއުލާންކޮށްފައިވާ އިރު ތިން މިލިއަން މީހުންނަށް ވަނީ ގެދޮރު ދޫކޮށް، ސަލާމަތީ ސަރަހައްދުތަކަށް ބަދަލުވާން އަންގާފައެވެ. (އަލްޖަޒީރާ)