08 Oct 2016, 11:14
އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރަމުންދާ ސީޕްލޭން ބޭސްގެ މަސައްކަތް ގާތްގަނޑަކަށް ނިމިއްޖެ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް (އޭއައިއޭ) ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ސީޕްލޭން ބޭސްއެއް އެޅުމަށް އޭއައިއޭއިން ހަވާލުކޮށްފައިވަނީ ރާއްޖޭގެ ޓްރާންސް މޯލްޑިވިއަން އެއާވޭސްއަށެވެ. ޓީއެމްއޭއަކީ މުޅި ދުނިޔޭގައި ވެސް އެންމެ ފުޅާ ދާއިރާގައި ސީޕްލޭން އޮޕަރޭޓުކުރާ، އަދި އެންމެ ބޮޑު ސީޕްލޭން ފްލީޓު އޮންނަ އެއާލައިނެވެ.
ގަން އެއާޕޯޓުގައި ސީޕްލޭން ބޭސްއެއް އެޅުމަށް މިއަހަރުގެ އޯގަސްޓް މަހުގެ 16 ވަނަ ދުވަހު އިރު، އޭއައިއޭގެ ޖެނެރަލް މެނޭޖަރު އިބްތިޝާމާ އަހްމަދު ސައީދު "ސަން" އަށް ވިދާޅުވި ގޮތުގައި ސީޕްލޭން ބޭސްގެ މަސައްކަތް ގާތްގަނޑަކަށް މިހާރު ވަނީ ނިމިފައެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ބޭސް -- ފޮޓޯ/ އޭއައިއޭ
"ސީޕްލޭން ބޭސް ގާތްގަނޑަކަށް ނިމިފައި އޮތީ. ވޯޓަރ ރަންވޭ އަޅައި، ފިއުލް ފެސިލިޓީތަކާއި ޑީސެލިނޭޝަން ޕްލާންޓް ވެސް ގާއިމުކޮށްފައި ވަނީ. ސީޕްލޭން ޓާމިނަލްވެސް ގާތްގަނޑަކަށް ނިމިއްޖެ،" އިބްތިޝާމާ ވިދާޅުވިއެވެ.
ރާއްޖޭގެ އެންމެ ދެކުނުގައި ސީޕްލޭން ބޭސްއެއް އެޅުމަކީ، ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ސީޕްލޭން ނެޓްވޯކްގެ ތެރެއަށް ވަދެގެން ދާނެ ކަމެކެވެ.
މީގެ ސަބަބުން ހުވަދު އަތޮޅުގެ ރިސޯޓުތަކަށް ދާ ފަތުރުވެރިންނަށް ފަސޭހަތަކެއް ލިބި، ދަތުރުމަތީގައި ހޭދަކުރަންޖެހޭނެ ވަގުތު ކުޑަވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިންޓަނޭޝަނަލް ފްލައިޓުތައް އައުމަށް ބާރުއެޅެއެވެ. ސަބަބަކީ، އައްޑޫއިން ސީޕްލޭން ދަތުރުތައް ކުރެވުމަކީ ދެކުނުގެ އަތޮޅުތަކަށް އަންނަ ފަތުރުވެރިންނަށް ރިސޯޓުތަކަށް ދާން ފަސޭހަ ވާނެކަމަކަށް ވާތީއެވެ.
ރާއްޖޭގައި މައިގަނޑު ގޮތެއްގައި ސީޕްލެން ދުއްވަނީ ރިސޯޓުތަކަށް ދާ ފަތުރުވެރިން އެއާޕޯޓުތަކުން ރިސޯޓުތަކަށް ގެންދިއުމަށް ކަމަށް ވާ އިރު، ފަތުރުވެރިކަން ހުވަދު އަތޮޅާއި އައްޑޫ ސިޓީއަށް ގުޅާލުމަށް ގަން އެއާޕޯޓުގެ ސީޕްލޭން ބޭސް ކުޅޭނެ ދައުރު ވަރަށް ބޮޑުވާނެއެވެ.
ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެ އެއާޕޯޓުގެ ރަންވޭ ބޮޑުކޮށް، އެ އެއާޕޯޓުގައި ވަނީ ހަދައިފައެވެ. އަދި ސްރީލަންކަން އެއާލައިންސްއިން ސީދާ ދަތުރުތައް ފަށަން އޮތީ ތައްޔާރަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭއަށް އިތުރުކުރި ބައި --
އެ އެއާޕޯޓުގައި މިވަގުތު 3،400 ލީޓަރާއި 40،000 ލީޓަރުގެ ތެޔޮ ރައްކާކުރެވޭ ދެ ބައުޒަރާއި، 2،600 ކިލޯލީޓަރުގެ ތެޔޮ ރައްކާ ކުރެވޭ ފިއުލް ސްޓޯރޭޖެއް ހުންނަ އިރު، އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެތަނުގެ ފިއުލް ފާމްގެ އޮޕަރޭޝަންތައް ވެސް ފުޅާ ކުރެވޭނެ ކަމަށް އޭއައިއޭގެ ޖެނެރަލް މެނޭޖަރު ވިދާޅުވިއެވެ.
އަދި އެއާޕޯޓު މަޝްރޫއުގެ ދަށުން އެއާ ޓްރެފިކް އަދި ގްރައުންޑް ހެންޑްލިންގްގައި ބޭނުންކުރާ އިކުއިޕްމަންޓު ވެސް އަޕްގްރޭޑު ކުރެވޭނެ ކަމަށް އޭއައިއޭއިން ބުނެއެވެ.