07 Jun 2011, 17:06
މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅުން ފެށިގެން ޑޮލަރުގެ އަގު ސަރުކާރުން ބޮޑުކުރުމާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ރީކޯ މޫސާ މަނިކުގެ ހެވީލޯޑް ކުންފުންޏާ ހަވާލުކޮށްފައިވާ ތިލަފުށި ފަޅު ހިއްކުމުގެ މަސައްކަތަށް އިތުރު 54 މިލިއަން ރުފިޔާ ދައްކަން ޖެހޭ މައްސަލައެއް ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް ]ޓީސީއެލް[ގެ ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މިދިޔަ ހަފްތާގައި އެ މައްސަލަ ހުށަހަޅާފައިވަނީ ޓީސީއެލްގެ ބޯޑު މެމްބަރު، މުހައްމަދު ޒާހިރު )އޯކޭ ޒާހިރު( އެވެ. އޭނާ ހުށަހެޅުއްވި މައްސަލާގައިވާ ގޮތުގައި، ޓީސީއެލް އާއި ހެވީލޯޑް ކުންފުންޏާ ދެމެދު ސެޕްޓެމްބަރު 30، 2010ގައި ސޮއިކުރި އެގްރިމެންޓުގައިވާ ގޮތުގައި، ތިލަފުށި ފަޅު ހިއްކުމުގެ މަސައްކަތުގެ އަގު ކަނޑައަޅާފައި ވަނީ ޑޮލަރުންނެވެ.
އެހެންކަމުން 21 މިލިއަން ޑޮލަރަށް ހެވީލޯޑާ ހަވާލުކުރި އެ ޕްރޮޖެކްޓަށް އޭރުގެ ރަސްމީ ރޭޓުން ]ޑޮލަރަކަށް 12.85ރ.ގެ މަގުން[ ބަލާއިރު ދައްކަން ޖެހެނީ 269.85 މިލިއަން ރުފިޔާ ނަމަވެސް، ޑޮލަރުގެ އަގު ސަރުކާރުން ބޮޑުކުރުމާ ގުޅިގެން އިތުރު 54 މިލިއަން ރުފިޔާ ހެވީ ލޯޑަށް ދައްކަން ޖެހޭ ކަމުގައި އެނާ ވިދާޅުވެފައިވެ އެވެ. އެއީ މިހާރުގެ ރޭޓުން ]ޑޮލަރަކަށް 15.42ރ. މަގުން[ އެ ޕްރޮޖެކްޓަށް ދައްކަން ޖެހެނީ 323.82 މިލިއަން ރުފިޔާ ކަމަށްވާތީ ކަމުގައި ވެސް އޭނާ ހުށަހެޅި މައްސަލާގައިވެ އެވެ.
އަދި ރާއްޖޭގެ މަނިޓަރީ ގަވައިދުގެ ފަސް ވަނަ މާއްދާގެ ދަށުން އަގު އަދާކުރުމަށް ދިވެހި ރުފިޔާ ފިޔަވައި އެހެން ފައިސާއެއް ބޭނުންކުރުމަކީ މަނާކަމެއް ކަން ވެސް ޒާހިރު ފާހަގަކުރައްވާފައިވެ އެވެ.
"މިހެންކަމުން މި ގޮތަށް ދިވެހިރާއްޖޭގެ ކުންފުންޏަކާ ދެމެދު އަގު އެއްބަސްވި ފަރާތަކުން މިކަމުގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނެ ކަމަށް އަޅުގަނޑަށް ފެންނާތީ އެ މައްސަލަ ޓީސީއެލްގެ ބޯޑަށް ހުށަހެޅީ އެވެ." ޓީސީއެލްގެ ކުރީގެ ޗެއާމަންކުރައްވާފައިވާ ޒާހިރު ހުށަހެޅުއްވި މައްސަލާގައިވެ އެވެ.
ޓީސީއެލްގެ ކޯޕަރޭޓް އެންޑް ލީގަލް އެފެއާޒް މެނޭޖާ މުހައްމަދު ލަތީފް ރޭ ވިދާޅުވީ، އަގު ކަނޑައަޅައިފައި ވަނީ ޑޮލަރުން ކަމުގައިވިޔަސް، އެގްރިމެންޓުގައިވާ ގޮތުން އެ ފައިސާ ދައްކަން ޖެހެނީ އެވަގުތަކު މާކެޓުގައި އެކްސްޗޭންޖް ރޭޓް ހުރި ގޮތަކަށް ބަލައި، ދިވެހި ރުފިޔާއިން ކަމަށެވެ.
އެހެންކަމުން މިހާރުގެ 15.42ރ. ގެ ރޭޓުން ފައިނަލް ޕޭމަންޓް ހަދާއިރު ކުންފުންޏަށް 54 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބޭނެތޯ ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ، އެކްސްޗޭންޖް ރޭޓުން ބައެއް ފަހަރު ފައިދާވާނެ ކަމަށާއި އަނެއް ބައިފަހަރު ގެއްލުން ވާނެ ކަމަށެވެ.
"ކޮންމެ ގޮތެއް ވިޔަސް، އެކްސްޗޭންޖް ރޭޓުން ބައެއް ފަހަރު ފައިދާވާ ފަހަރު ފަހަރު އަންނާނެ. ބައެއް ފަހަރު ގެއްލުންވާ ފަހަރު އަންނާނެ. އެހެންވީމަ އަޅުގަނޑުމެންގެ ފައިނަލް ޕޭމަންޓް ހަދާއިރު އަޅުގަނޑުމެންނަކަށް ނޭގޭނެ އެ ވަގުތެއްގެ ޑޮލަރުގެ ރޭޓް އޮންނާނެ ގޮތެއް. ފަހަރެއްގައި ފައިދާވުމަކީ ވެސް އެކަށީގެންވާ ކަމެއް،" ލަތީފް ވިދާޅުވި އެވެ.
ނަމަވެސް، ލަތީފް ވިދާޅުވި ގޮތުގައި، ރުފިޔާ އިން އަގުއަދާކުރުމަށް އެއްބަސްވެފައިވާތީ މަނިޓަރީ ގަވައިދުގެ ފަސް ވަނަ މާއްދާއާ އެކުންފިން ހިލާފެއް ނުވެ އެވެ. އަދި ވިދާޅުވި އެވެ؛ "އެމްއެމްއޭން ވަކި ރޭޓެއް ފޮލޯކުރަން ކަނޑައަޅާފައި އޮއްވާ އެ ރޭޓާ ހިލާފުވުމަކީ އަސްލު ކޮންމެ ގޮތެއްވިޔަސް މަނިޓަރީ ގަވައިދާ ހިލާފު ކަމެއް،"
މީގެ އިތުރުން އެ މަސައްކަތުގެ އަގު ޑޮލަރުން ކަނޑައަޅާފައި ވަނީ އިންޓަނޭޝަނަލް ބިޑިން ޕްރޮސެސްއަކުން އެވޯޑްކުރި ޕްރޮޖެކްޓަކަށްވާތީ ކަމަށާއި މިހާތަނަށް ހެވީލޯޑަށް ހަމައެކަނި ދައްކާފައި ވަނީ އެޑްވާންސްގެ ގޮތުގައި ތިން މިލިއަން ޑޮލަރު ކަމަށް އެނާ ވިދާޅުވި އެވެ. އެ ފައިސާ ޓީސީއެލް އިން ދައްކާފައިވަނީ 12.85ރ. ގެ ރޭޓުންނެވެ.
ޓީސީއެލް އިން ކުންފުންޏަށް ގެއްލުންވާނެ ކަމަށް ސީދާ ބުނެފައި ނުވާ ނަމަވެސް، ޑޮލަރުގެ "ހަމަ އަގު" ހޯދުމަށް ކަމަށް ބުނެ ސަރުކާރުން އެކްސްޗޭންޖް ރޭޓް ބޭންޑެއް ތެރޭ ފްލޯޓްކުރި ފަހުން ޑޮލަރުގެ އަގު ވަނީ 15.42ރ. އަށް އަރައިފަ އެވެ. އަދި އެ އަގު ކައިރި މުސްތަގުބަލެއްގައި ތިރިވާނެ ކަމަށް އިގުތިސާދީ ތަޖުރިބާކާރުން ލަފައެއް ނުކުރައްވަ އެވެ.
ރީކޯ މޫސަގެ ހެވީލޯޑަށް ޓީސީއެލް އިން ދައްކަން ޖެހޭ އަގު ބޮޑުވި މައްސަލަ ފެންމަތިވެފައި މިވަނީ، އެ މަސައްކަތް ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން އިން އެންގި އެންގުން ބާތިލުކުރުމަށް ޓީސީއެލް އިން ހުށަހެޅި މައްސަލަ ޝަރީއަތުގައި ކުރިއަށްދަނިކޮށެވެ. އޭސީސީގެ އެންގުމާ ދެކޮޅަށް، ތިލަފުށި ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްގެންގޮސް، ބޮޑުބައެއް ވަނީ މިހާރު ހިއްކައިފަ އެވެ.