މިދިޔަ އަހަރު ޖޫން މަހުގެ ތެރޭގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާ ދެކޮޅަށް ސުޕްރީމްކޯޓުގައި ބެއްލެވި ސުމޯޓޯ މައްސަލައިގައި ނެރުނު ގައިޑްލައިންގައިވާ 11 ނުކުތާއަކީ އެ ގައިޑްލައިން ނެތް ނަމަވެސް އެ ކޮމިޝަނުން އަމަލު ކުރަމުން އައި ގޮތް ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

ސުޕްރީމް ކޯޓުގެ ގައިޑްލައިނަކީ އެ ކޮމިޝަނުގެ މަސައްކަތްތަކަށް އޮތް ހުރަހެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން މީޑިއާއާއި ތަފާތު އެކި ފޯރަމް ތަކުގައި ވާހަކަ ދައްކަމުންދާތީ އެކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހު ސުޕްރީމް ކޯޓްގެ 11 ނުކުތާގެ ގައިޑްލައިން މާނަ ކުރުމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއެކު ބައްދަލުވުމެއް ބޭއްވުނު ކަމަށެވެ.

"މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާގައި ސުޕްރީމްކޯޓުގެ ގައިޑްލައިން އެހެން އޮތުމަކުން މި ކޮމިޝަނުގެ ޤާނޫނީ ޒިންމާ އަދާކުރުމަށާއި، މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫއަސާސީއާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނާ އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެތެރެއިން މި ކޮމިޝަނަށް މަތިކުރެވިފައިވާ މަސްއޫލިއްޔަތުތައް ޒިންމާދާރުކަމާއި މިނިވަންކަމާއެކު ކުރިޔަށް ގެންދިއުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ނިންމުނެވެ.،" އެޗްއާރުސީއެމްގެ ބަޔާނުގައި ވެއެވެ.

އެކޮމިޝަނުން ބުނެފައިވަނީ އެ ތާރީޚުން ފެށިގެން، ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެތެރެއިން އދ.އާއި އެކިފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތަކާއި މަޢުލޫމާތުތައް ފޮނުވުމުގައި އެހެން ފަރާތަކުން މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމަށް އޭގެކުރިން ކޮމިޝަނުން ކުރަމުންއައި މަސައްކަތްތައް ހުއްޓާލައި، އެއްވެސް އިދާރާއަކަށް ހުށަނާޅައި، ރިޕޯޓްތަކާއި މަޢުލޫމާތުތައް އދ.އާއި އަދި އެހެނިހެން ފަރާތްތަކަށް ހުރަހެއްނެތި ފޮނުވަމުންދާކަމަށެވެ.

"ސުޕްރީމް ކޯޓުގެ ގައިޑްލައިނަކީ ވޭތުވެދިޔަ 2015 ވަނަ އަހަރުގެ ޖޫން މަހު އެ ކޯޓުން ސުމޯޓޯ އުސޫލުން ބެއްލެވި މައްސަލައެއްގައި ނެރުއްވާފައިވާ ގައިޑްލައިނެކެވެ. މި ގައިޑްލައިނުގައި ބަޔާން ކޮށްފައިވާ 11 ނުކުތާއަކީ މި ގައިޑްލައިން ނެތް ނަމަވެސް މި ކޮމިޝަނުން ޢަމަލުކުރަމުން ގެންދާގޮތެވެ،" އެކޮމިޝަނުގެ ބަޔާނުގައި ވެއެވެ.

އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ކޮމިޝަނުގެ މަސައްކަތްތައް ހިނގާގޮތް ބެލުމެއްނެތި، ކޮމިޝަނުގެ މުސްތަޤިއްލުކަމާ މެދު ސުވާލު އުފެދޭގޮތަށް ވާހަކަ ދެއްކުމަކީ ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމަށެވެ.