ވޮޝިންޓަން(އޮކްޓޯބަރު 8): ސީރިއާގައި އާއްމުންނަށްދޭ ހަަމަލާތަކާ ގުޅިގެން ރަޝިއާ އާއި ސީރިއާ ސަރުކާރުން ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވޭތޯ ބެލުމަށް ތަހުގީގު ކުރަން ޖެހޭ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ވިދާޅުވެއްޖެ އެވެ.

ވޮޝިންޓަންގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ކެރީ ވަނީ ރަޝިއާ އާއި ސީރިއާ ސަރުކާރުން ހޮސްޕިޓަލްތަކަށް ހަމަލާ ދެމުންދާ ސަބަބު ދުނިޔެއަށް ބުނެދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

"ރަޝިއާ އާއި ސީރިއާ ސަރުކާރުން ހޮސްޕިޓަލުތަކަށާއި، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށާއި، ކުޑަދިންނަށް ހަމަލާ ދެމުންދާ ސަބަބު ބުނެދޭން ޖެހޭ. އެ އަމަލުތަކަކީ ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގަކަށް ގޮވާލާ އަމަލުތައް،" ކެރީ ވިދާޅުވި އެވެ.

މީގެ ކުރިން ރަޝިއާއިން ވަނީ އެގައުމުން އާއްމުންނަށް ހަމަލާ ނުދޭ ކަމަށާއި، ރަޝިއާގެ ހަމަލާތައް އަމާޒު ކުރަނީ ސީރިއާގައި ތިބި ޓެރަރިސްޓުންނަށް ކަމަށް ތަކުރާރުކޮށް ބުނެފައެވެ.

ނަމަވެސް ކެރީ ވިދާޅުވި ގޮތުގައި ރަޝިއާ އާއި ސީރިއާ ސަރުކާރުން ހޮސްޕިޓަލްތަކަށް ހަމަލާ ދެނީ އޮޅިގެނެއް ނޫނެވެ. އެއީ ދެސަރުކާރުން ރާވާފައިވާ ގޮތެވެ.

"އެއީ އާއްމުން ބިރު ގެންނެވުމަށާއި އަސްކަރިއްޔާގެ އަމާޒުތަކަށް ހުރަސް އަޅާ ކޮންމެ މީހަކު މަރާލަން ރާވާފައިވާ ރޭވުމެއް،" ކެރީ ވިދާޅުވި އެވެ.

ޖޯން ކެރީއާއި ފްރާންސުގެ ފޮރިން މިނިސްޓަރު ޖީން މާކް އައިރޯލްޓް އެނޫސް ކޮންފަރެންސް ބާއްވާފައި ވަނީ، ސީރިއާގެ ހަލަބަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ގޮތުން ސީރިއާ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ހަމަލާ ބަދަލު ކުރުން ހުއްޓާލާނެ ގޮތުގެ ރޭވުމެއް ޔޫއެން ސެކިއުރީޓީ ކައުންސިލަށް ފްރާންސުން ހުށަހެޅުމުގެ ކުރިންނެވެ.

ނަމަވެސް ރަޝިއާއިން ވަނީ ފްރާންސުން ހުށަހަޅާ ޑްރާފްޓުގައި އެގައުމަށް އެއްބަސްނުވެވޭ ބައެއް ޕޮއިންޓުތައް ހުރި ކަމަށާއި އޭގައި އިންސާނީ އެހީ ސިޔާސީ ކަމަކަށް ހަދާފައިވާ ކަމަށް ބުނެފައެވެ.

ސީރިއާގައި ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމަށް ރަޝިއާ އާއި އެމެރިކާއިން މެދުވެރިވެގެން ހެދި އެއްބަސްވުން ނިމުމަކަށް އައި ފަހުން އެ ދެގައުމުން ވަނީ ސީރިއާއަށް ސުލްހަ ގެނައުމުގެ މަޝްވަރާތައް ހުއްޓާލާފައެވެ. (ބީބީސީ)