08 Oct 2016, 09:39
ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަރީފް އައްޔަން ކުރުމާއެކު އެ ކުންފުނީގެ މުވައްޒަފުންގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ، އިދާރީ ގޮތުން ބައެއް ސްޓްރަކްޗަރަލް ބަދަލުތައް ރާވަމުން ގެންދަވާ ކަމަށެވެ. އެގޮތުން މުވައްޒަފުންގެ އާ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތާއި މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު މުރާޖާ ކުރުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މުވައްޒަފުންގެ އޮނިގަނޑު ތައްޔާރު ކުރުމުގެ މަސައްކަތް، ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދަން. ހަމައެއާއެކީ ފެނަކައިގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު ސްޓޭބަލައިޒް ކުރުމަށްޓަކައި ފަންނީ ފަރާތްތަކުގެ އެހީތެރިކަން ހޯދައިގެން މަސައްކަތްވެސް މިހާރު ކުރިއަށް އެބަ ދޭ،" ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ކަރަންޓުގެ މައްސަލަ ދިމާވެފައިވާ 41 ރަށެއްގެ ޖަނެރޭޓަރުތަކަށް ބޭނުންވާ ސްޕެއާ އޯޑަރު ކުރުމަށްފަހު އެރަށްތަކަށް ފޮނުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ފެނަކައިގެ އެމްޑީ ކަމާ ޝަރީފް ހަވާލުވީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. ޕްރައިވެޓައިޒޭޝަން ބޯޑުން ޝަރީފް އެމަގާމަށް އައްޔަން ކުރެއްވި އިރު އޭނާ ހުންނެވީ އެޑިއުކޭޝަން މިނިސްޓަރުގެ ނައިބުގެ މަގާމުގައެވެ.
މިދިޔަ ރައްޔިތުންގެ މަޖިލީހުގައި ތިމަރަފުށީ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ޝަރީފް ވަނީ މިދިޔަ އޮކްޓޯބަރު މަހު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ބޯޑަށް ވެސް އައްޔަންކޮށްފައެވެ.
ފެނަކައިގެ އެމްޑީގެ މަގާމުގައި މިހާތަނަށް ހުންނެވި މުހައްމަދު ނިމާލް އެމަގާމުން ވަކި ކޮށްފައިވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް ފެނަކަ އަށް ބޭނުންވާ އެއް މިލިއަން ޑޮލަރު، ލޯންޗުގެ ހިދުމަތް ދޭ ކުންފުންޏެއް މެދުވެރިކޮށް ގަންނަން ވެގެން ދިން 17 މިލިއަން ރުފިޔާއަށް ވީ ގޮތް ނޭނގުމާއި ޑޮލަރު ވެސް ލިބޭ ގޮތް ނުވި މައްސަލައެއް ވެސް މި ފަހުން ވަނީ ފެންމަތި ވެފައެވެ.
މީގެ އިތުރުން މިދިޔަ އަހަރު ތެރޭ އަމިއްލަ ފަރާތަކުންވެސް ވަނީ ނިމާލުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށަހަޅާފައެވެ.