ޅ. ނައިފަރު މަދްރަސަތުލް އިފްތިތާހުގައި 19 ކުލާސްރޫމެއް ސްމާޓް ކުލާސްރޫމަށް ބަދަލުކޮށް، އިފްތިތާހްކޮށްފި އެވެ.

ސްކޫލުގެ އެދުމަކަށް ނައިފަރުގެ ޖަމިއްޔާއެއް ކަމަށްވާ އެފްއެޗް ފައުންޑޭޝަނުގެ ފަރާތުން ގާއިމްކުރި އެ ކުލާސްރޫމްތައް ހުޅުއްވައިދެއްވީ، ޅ. އަތޮޅަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ނައިފަރަށް ކުރެއްވި ޒިޔާރަތުގައެވެ.

އެފްއެޗް ފައުންޑޭޝަނަކީ ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރައީސްކަން ކުރައްވާ ޖަމިއްޔާއެކެވެ.

ޑުއަލްޓަޗް ސްމާޓް ސްކްރީންތަކާއެކު މަދްރަސަތުލް އިފްތިތާހުގައި ހުޅުވި ސްމާޓް ކުލާސްރޫމްތައް ގާއިމްކޮށްފައިވަނީ އެ ސްކޫލުގެ ކީ ސްޓޭޖް އަދި ކީ ސްޓޭޖް ދޭއްގެ ކުލާސްރޫމްތަކުގައެވެ. އަދި އެ ޕްރޮޖެކްޓަށް 1.3 މިލިއަން ރުފިޔާ އަށްވުރެ ބޮޑު ހަރަދެއް ގޮސްފައިވާ ކަމަށް އެފްއެޗް ފައުންޑޭޝަނުން ބުނެ އެވެ.

ސްމާޓް ކުލާސް ރޫމްތަކުގައި ކިޔަވައިދެއްވާ ޓީޗަރުން ވެސް ވަނީ އެކަމަށް ތަމްރީން ކޮށްފައެވެ.

މެމްބަރު ޝިޔާމް ވިދާޅުވީ، އެ މަސައްކަތަކީ ސްކޫލުގެ އިސްނެގުމެއްގެ މަތިން އެފްއެޗް ފައުންޑޭޝަނުން ސްކޫލަށް ދިން އެހީއެއް ކަމަށެވެ. އަދި އެ ހިދުމަތާއެކު ދަރިވަރުންގެ ތައުލީމުގެ ފެންވަރު މަތިވެ، މުދައްރިސުންގެ ފެންވަރު ވެސް ރަނގަޅުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.