08 Oct 2016, 09:11
ކޮންމެ ކުއްޖަކުވެސް އަޒުމް ކަނޑައަޅަންވީ، މާދަމާގެ ލީޑަރަކަށްވުމަށް ކަމަށް ޒުވާނުން ބާރުވެރިކުރުވުމަށް އުފައްދާފައިވާ ރީޖަނަލް އެލަޔަންސް ފޯ ފޮސްޓެރިންގް ޔޫތް (ރަފީ) ޖަމިއްޔާގެ ފައުންޑިން ޕްރެޒިޑެންޓް އައިޝަތު ރަފިއްޔާ ވިދާޅުވެއްޖެ އެވެ.
ނ. ހޮޅުދޫ މޭނާ ސްކޫލުގެ މިދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން، އެމްޑީއޭގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވަމުން ގެންދަވާ ރަފީ ވިދާޅުވީ، ގައުމު އާރާސްތުކުރުމަށް ކޮންމެ ކުއްޖެއްގެ ވާޖިބަކީ ކޮބައިކަން ބަލައި އެކަމެއް ކުރުމުގެ އަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ.
"ކޮންމެ ކުއްޖަކުވެސް އަޒުމް ކަނޑައަޅަންވީ މާދަމާގެ ލީޑަރަކަށްވާން. ގައުމު އާރާސްތުކުރުމުގައި ތިމާގެ ވާޖިބަކީ ކޮބައިކަމާ ތިމާއަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބަލައި އެކަން ކުރުމަށް ގަދައަޅައި މަސައްކަތްކުރުން. އަދި އެކަމުގައި އަޒުމެއް ކަނޑައަޅަން،" ދަރިވަރުންނަށް ހިތްވަރުދެއްވައި ރަފީ ވިދާޅުވި އެވެ.

ނ. ހޮޅުދޫ މޭނާ ސްކޫލުގެ މިދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ޝަރަފްވެރި މެހްމާން އައިޝަތު ރަފިއްޔާ --- ސަން ފޮޓޯ/ އަލީ ފާރިޒް
ރަފީ ވިދާޅުވީ، ކާމިޔާބީ އަކީ ގަދައަޅައި މަސައްކަތްކުރާ ކުއްޖެއްގެ ހައްގެއް ކަމަށާއި އުއްމީދެއް ކުރާނަމަ އެކަމެއް ހާސިލްވެސް ވާނޭ ކަމަށެވެ.
ކުދިންނަށް ކުޑައިރުއްސުރެ ދޭންޖެހޭ އަހައްމިއްޔަތުކަމާއި ލޯތްބާއި ހިތްވަރު ދިނުމަކީ އެކުއްޖެއްގެ މައިންބަފައިންނާއި އުސްތާޒުންގެ ވާޖިބެއް ކަމަށް އިޝާރާތްކުރައްވައި ރަފީ ވިދާޅުވީ، އެފަދަ ތަރުބިއްޔަތެއް ލިބިފައިވާ ދަރިންތަކެއް ބިނާކުރެއްވިއްޖަނަމަ ރާއްޖެއަކީ އެންމެ ކުރިއަރާފައިވާ ގައުމަކަށް ހެދިދާނެ ކަމަށެވެ.
ޖޫނިއާ ޗެމްބާ އިންޓަނޭޝަނަލް (ޖޭސީއައި) މޯލްޑިވްސް އިން މިއަހަރު ދިން ޒުވާނުންގެ އެވޯޑް ވެސް ހާސިލްކުރައްވާފައިވާ ރަފީ ވިދާޅުވީ، އިންސާނީ ކަރާމާތަށް މިއަދު ދިމާވެފައިވާ ގޮންޖެހުމަކީ މިއަދު ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑު ކާރިސާ ކަމަށެވެ.

ހޮޅުދޫ މޭނާ ސްކޫލުގެ މިދިޔަ އަހަރު ސެކަންޑަރީ އިން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ސިޔާދާ އަށް ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނާ ރަފިއްޔާ އެވޯޑް ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ އަލީ އާތިފް
އަދި މުޅި ދުނިޔެއިން އިންސާނީ ކަރާމާތް ނެތިގެންގޮސް އިންސާނުންނަށް އެކިކަހަލަ އަނިޔާތަށްދީ މީހުން މަރުވެ، މުޅި ދުނިޔޭގައި އިންސާނުން ފަސާދަ ވެގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގައި ހަނގުރާމަ ނުކުރިނަމަވެސް، ރާއްޖޭގައި ވެސް އިންސާނުންގެ ތެރޭގައި ތަފާތުކުރުމާއި ޖެއްސުމާއި ފުރައްސާރަކުރުމުގެ އިތުރުން އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި ލޯބިދިނުމާއި އެކަކު އަނެކަކަށް އަޅާލުން މިދަނީ ކުޑަވަމުން،" ރަފީ ވިދާޅުވި އެވެ.

ހޮޅުދޫ މޭނާ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައި އިނާމު ލިބުނު ޓީޗަރަކަށް އެމްޓީސީސީގެ ޗެއާމަން ހުސައިން ސާލިމް އިނާމު ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ އަލީ އާތިފް
އޭނާ ވިދާޅުވި ގޮތުގައި، މުޖުތަމައުގެ ދުޅަހެޔޮކަމަށް ބޭނުންވާ ވަސީލަތްތަކަށް ބޭނުންވާ އިންސާނުންގެ ވަށައިގެންވާ ތިމާވެށި ހިމާޔަތްކޮށް ވާސިލްކޮށްދިނުމަކީ އެންމެންގެ ވެސް ވާޖިބެއް ކަމަށާއި އެކަން ކުރެވޭނީ އެކަކު އަނެކަކަށް ޖެއްސުންކުރުމާއި ފުރައްސާރަ ކުރުން ނައްތާލައި އެކަކު އަނެކަކަށް އިހުތިރާމްކުރާ، ލޯބިދޭ، އަޅާލ،ާ ތިމާވެއްޓާ ރައްޓެހި މުޖުތަމައުއެއް ގާއިމްކުރެވިގެން ކަމަށެވެ.