08 Oct 2016, 01:10
ކާޑުގެ ސަބްސިޑީން ބައެއް އުނިކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މިރޭ އެއްވުމެއް ބާއްވައިފި އެވެ.
އެ އެއްވުން ބާއްވާފައި ވަނީ ކާނިވާ ސަރަހައްދުގަ އެވެ. އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި އެއްވުމުގައި ވަނީ ކާޑުގެ އަގުތައް ތިރިކުރަން ދެން ކުރާނީ މުޒާހަރާ ކަމަށް ބުނެފަ އެވެ. އެ މުޒާހަރާއަށް އަތޮޅުތަކުން ވެސް އާންމުން ގެންނާނެކަމަށް ބުންޏެވެ.
އެ އެއްވުމުގައި ވާހަކަ ދައްކަވަމުން އިއްތިހާދުގެ ޝެޑޯ ކެބިނެޓްގެ ޔޫތް މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ، ކާޑު ސަބްސިޑީ ކަނޑާލުމާ ގުޅިގެން ރައްޔިތުންނަށް ދަތިވެފައިވާ ކަމަށާއި އެކަމަށް ހައްލެއް ލިބިންދެން އިދިކޮޅު އިއްތިހާދުން މެދުކެނޑުމެއް ނެތި މަސައްކަތްކުރަމުންދާނެ ކަމަށެވެ.
ރަށްރަށުން މީހުން ގެނެސް މާލޭގައި ބޮޑު މުޒާހަރާއެއް ކުރާނެ ކަމަށް އިދިކޮޅު އިއްތިހާދުން މިރޭ އިއުލާންކޮށްފައިވީ ނަމަވެސް އެ މުޒާހަރާ ކުރާނެ ދުވަހަކާއި މުޒާހަރާގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ސަރުކާރުން ބުނެފައިވަނީ ކާޑު ސަބްސިޑީ ކޮންޓްރޯލްކުރަން ނިންމީ، ބޭރު މާލީ އިދާރާތަކުން އެހީ ހޯދުމަށް އުނދަގޫވާތީ ކަމަށެވެ. ކާޑު ސަބްސިޑީއަށް ބޭނުންވާ ފަރާތަކަށް އެކަމަށް އެދުމުގެ ފުރުސަތު ސަރުކާރުން ވަނީ ހުޅުވާލާފަ އެވެ.
މިރޭގެ އެއްވުން ކާނިވާ ސަރަހައްދުގައި ސުލްހަވެރިކަމާ އެކު ބާއްވައި ނިންމާލާފައިވާ އިރު އިދިކޮޅު ފަރާތްތަކުން ވަނީ މިއަދު ހަވީރު އަތޮޅުތެރޭ ގިނަ ރަށްތަކެއްގައި ކާޑުގެ މައްސަލާގައި މުޒާހަރާ ވެސް ކޮށްފަ އެވެ.