08 Oct 2016, 08:54
ދެކުނު އޭޝިއާ ސަރަހައްދަށް ޚާއްސަކޮށްގެން ބާއްވާ ފަތުރުވެރިކަމުގެ އެންމެ ޝަރަފްވެރި އެވޯޑް ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ ރޭޑިއޯ ޕާޓްނަރަކަށް ލަންކާގެ އަމިއްލަ ރޭޑިއޯ ކުންފުންޏެއް ކަމަށްވާ ރެޑް އެފްއެމް ހަމަޖައްސައިފި އެވެ.
ރެޑް އެފްއެމް އަކީ ލަންކާގެ މަޝްހޫރު މީޑިއާ ޗެނަލްތަކެއްގެ ހިންގަމުން އަންނަ ސްކައި މީޑިއާ ނެޓްވޯކުން ހިންގަމުން އަންނަ، ލަންކާގެ މަޝްހޫރު އިނގިރޭސި ރޭޑިއޯ ޗެނަލެކެވެ.
ސްރީ ލަންކާ ވިޔަފާރިވެރިންގެ ޖަމިއްޔާ، ކޮލަންބޯ ޗެމްބާ އޮފް ކޮމާސް އާ ގުޅިގެން މިއަހަރު ބާއްވާ އެ އެވޯޑަށް މިހާރު ވެސް ގިނަ ޕާޓްނަރުންތަކެއް ވަނީ ގުޅިފައެވެ. ރެޑް އެފްއެމް ޕާޓްނަރަކަށް ވުމުގެ އެއްބަސްވުމުގައި ސޮއިކުރީ އިއްޔެ އެވެ.
ރާއްޖޭގެ ތަޖުރިބާކާރު އިވެންޓްސް މެނޭޖްމަންޓް ކުންފުނި، ހައިރައިޒުން އިންތިޒާމްކުރާ މިއަހަރުގެ ސަޓާ އެވޯޑް ދިނުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ ފަހުކޮޅު ލަންކާގައި ބާއްވާ ހާއްސަ އެވޯޑް ރަސްމިއްޔާތެއްގައެވެ.
އެގޮތުން މިއަހަރު ބާއްވާ އެ އެވޯޑްސް 10 ސެގްމަންޓަކުން، 39 ކެޓަގަރީ އަކުން އެވޯޑް ދޭން ނިންމާފައިވާ އިރު، އެވޯޑަށް 273 ފަރާތްތަކުން ވަނީ ނޮމިނޭޓްވެފައެވެ.
ސަޓާ އަށް ނޮމިނޭޓް ކޮށްފައިވާ މަޝްހޫރު ހޮޓެލް ޗެއިންތަކުގެ ތެރޭގައި ހައިޑްއަވޭ އާއި ޖުމެއިރާ، ޕާކް ހަޔަޓް، ކޮކޯ ކަލެކްޝަން، ވިލާ ގްރޫޕް، ސަން ސިޔާމް، އަދާރަން، ކޮންސްޓެންޓް، އެޓިކަން ސެޕްންސް އާއި ލީލާ ގްރޫޕުގެ އިތުރުން ކިންގްބެރީ، ތާޖް ސަމުންދްރާ، ކާސާ ކަލެކްޝަންފަދަ އެތައް ބްރޭންޑެއް ހިމެނެއެވެ.
އެވޯޑް ދިނުމުގައި އޮންލައިންކޮށް ވޯޓު ދިނުމަށް ފުރުސަތު ހުޅުވާލައި، އޮންލައިންކޮށް ލިބޭ ވޯޓުގެ 50 ޕަސެންޓާއި ތަޖުރިބާކާރު ފަނޑިޔާރުންގެ ޓީމަކުން ފަނޑިޔާރުކަންކޮށް ބާކީ 50 ޕަސެންޓް މާކްސް ދޭނެއެވެ.
އެގޮތުން، މިހާރު ނޮމިނޭޓްވި ފަރާތްތަކަށް އޮންލައިން ކޮށް ވޯޓުދޭން ހުޅުވާލި މުއްދަތު ނިމި، ހައިރައިޒުން ދަނީ މިމަހުގެ 18 ވަނަ ދުވަހު ނޮމިނީސް އަށް ފަނޑިޔާރުކަންކުރަން ތައްޔާރު ވަމުންނެވެ.
އެވޯޑުގެ ނޮމިނީސްއަށް ފަނޑިޔާރުކަން ކުރާނީ ރާއްޖެއާއި އިންޑިއާ އަދި ސްރީ ލަންކާގެ ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންގެ ޕެނަލަކުންނެވެ.
ސަރަހައްދުގެ ބޮޑެތި ޖަމިއްޔާތައް ކަމަށްވާ ފެޑަރޭޝަން އޮފް ޗެމްބާ އޮފް ކޮމާސް އިން ލަންކާ އާއި ކޮންފެޑަރޭޝަން އޮފް ކްރެޑިޓެޑް ޓުއާ އޮޕަރޭޓާސް (ކެޓޯ) އިންޑިޔާ، އިން ބަލައިގެންފައިވާ ސަޓާ އެވޯޑުގެ ޕާޓްނަރުންގެ ގޮތުގައި ރާއްޖޭގެ އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އަޓާ) އާއި ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ބައިވެރިވެއެވެ.
މީގެ އިތުރުން، އިންޑިޔާގެ، އެސޯސިއޭޝަން އޮފް ޓޫރިޒަމް ޓްރޭޑް އޮގަނައިޒޭޝަން (އޭޓީޓީއޯއައި) އާއި ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާސް ކްލަބް (ކޭއެޗްޖީއެމްސީ) ގެ އިތުރުން، އިންޑިޔާގެ ތިންވަނަ އަށް އެންމެ ބޮޑު ޓޫރިޒަމް ޖަމިއްޔާ އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލް އިން ޓޫރިޒަމް (އޭޕީޓީ، އިންޑިޔާ) ބައިވެރިވެއެވެ.