ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފްގެ އަމިއްލަ ދިރިއުޅުމާ ގުޅުން ހުރި ސިއްރުތައް، އޭނާގެ ޑްރައިވަރު މީޑިއާ އާ ހިއްސާ ކުރަމުން އަންނަކަމަށް އޭނާ ތުހުމަތު ކޮށްފި އެވެ.

ޚަބަރުތައް ބުނާ ގޮތުން ކެޓްރީނާ ވަނީ، އޭނާގެ ހަޔާތުގެ ކަންކަން މީޑިއާ އާ ހިއްސާ ކުރުމަށް މީޑިއާ ތަކުން ޑްރައިވަރަށް ފައިސާ ދެމުން އަންނަ ކަމަށް ވެސް ބުނެފައެވެ.

ކެޓްރީނާ އޭނާގެ ޑްރައިވަރަށް ތުހުމަތު ކޮށްފައި ވަނީ، އޭނާ އާއި އަދިއްތުޔަ ރޯއި ކަޕޫރު އެކުގައި ބޭރަށް ގޮސް އުޅެނިކޮށް، ޕާކު ކުރާނެ ތަނަކާ މެދު އުފެދުނު ދެބަސްވުމެއްގެ ވާހަކަ މީޑިއާ އަށް ލިބުމުންނެވެ.

އެ ދެބަސްވުމުގެ ތެރެއިން ކެޓްރީނާ އޭނާގެ ޑްރައިވަރުގެ މޫނުމަތީގައި ޖަހާފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

އޭނާގެ އަމިއްލަ ދިއިރުޅުމުގެ ވާހަކަތައް މީޑިއާ އަށް "ވިއްކާ" ކަމުގެ ތުހުމަތާ އެކު ކެޓްރީނާ ވަނީ ޑްރައިވަރު ވަޒީފާއިން ވަކި ކުރާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

އަދި އޭނާގެ މުވައްޒަފުން މީޑިއާ އާ ވާހަކަ ދެއްކުން ވެސް ވަނީ މަނާކޮށްފައެވެ.