14:30


ޖެނުއަރީ މަހުން އޭޕްރީލްގެ ނިޔަލަށް ތަފާތު މައްސަލަތަކުގައި ކަސްޓަމްސްއިން 47 ފަރާތެއް ޖޫރިމަނާކޮށްފައިވާއިރު، އޭގެތެރެއިން ދެ މައްސަލައެއްގައި ހިމެނޭ ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ނުލިބިވާ ކަމަށް ކަސްޓަމްސުން ބުނެފި އެވެ.


ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޗީފް ކަސްޓަމްސް އޮފިސަރ އަހުމަދު ސިމާހު މިއަދު ވިދާޅުވީ  ކަސްޓަމްސްގެ އިންވެސްޓިގޭޝަން އެންޑް ޕްރޮސިކިއުޝަން ސެކްޝަނުން ބެލި މައްސަލަތަކުގެ ތެރެއިން 47 މައްސަލައެއްގައި ހިމެނޭ ފަރާތްތައް އެއް މިލިއަން ހަ ލައްކަ އައްޑިހަ ހަ ހާސް އެއް ސަތޭކަ ހަތްދިހަ ނުވަ ރުފިޔާ އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އޭގެ ތެރެއިން ދެ މައްސަލައެއްގައި ހިމެނޭ ހަތަރު ލައްކަ ސައްބީސް ހާސް ނުވަ ސަތޭކަ ނުވަދިހަ ފަސް ރުފިޔާ ނުލިބިވާ ކަމަށް ސިމާހު ވިދާޅުވި އެވެ. އަދި އެ ފައިސާ ހޯދުމަށް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސިމާހު ވިދާޅުވި އެވެ.


ސިމާހު އިތުރަށް ވިދާޅުވީ ކަސްޓަމްސްގެ ތަފާތު އެކި ސެކްޝަން ތަކުން ހޯދި މައްސަލަތަކުގެ ތެރެއިން 31 މައްސަލަ އެއް ކަސްޓަމްސުން ބަލަން ޖެހޭ ވަރަށް ބެލުމަށްފަހު އިތުރަށް ތަހްގީގު ކުރުމަށްޓަކާ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ޖިނާއީ މައްސަލަތަކާއި ޖިނާއީ ބައެއް ހިމެނޭ ކަމަށް ގަބޫލުކުރެވޭ މައްސަލަތައް ކަމަށް ވެސް ސިމާހު ވިދާޅުވި އެވެ.