08 Oct 2016, 08:56
ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަދި ޑައިރެކްޓަރު އަޖޭ ދޭވްގަންގެ ކުރިއަށް އޮތް ފިލްމު "ޝިވާއޭ" އާއި ގުޅުވައިގެން ކޮމިކް ސީރީޒެއް ނެރުމަށް ނިންމާފައިވާ ކަމަށް އޭނާ ބުނެފި އެވެ.
އެއީ އުސް ފަރުބަދަތަކަށް އަރަމުން އަންނަ، "ޝިވާއޭ" ކިޔާ މީހަކު ކުރާ ތަފާތު ތަޖުރިބާތަކުގެ މައްޗަށް ތައްޔާރު ކުރާ ކޮމިކް ސީރީޒެކެވެ.
އެ ކޮމިކް ސީރީޒް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު އިންޑިއާގެ މުމްބާއީގައެވެ. ސީރީޒް ލޯންޗުކުރާނީ އަޖޭގެ އިތުރުން ފިލްމު "ޝިވާއޭ" ގެ ކާސްޓުންނެވެ.
"ކޮމިކް އަކީ ފިލްމާ މުޅިން ތަފާތު ވާނެ،" މިއަދު ރިލީޒްކުރި ނޫސް ބަޔާނެއްގައި އަޖޭ ބުނެފައިވެއެވެ.
އެ ކޮމިކް ރިލީޒް ކުރާނީ ޕަބްލިޝިންގ ހައުސް، ޓީބީއެސް ޕްލަނެޓާ ގުޅިގެން ކަމަށް ބަޔާނުގައިވެއެވެ.
އެ ކޮމިކް އަކީ އިންޑިއާގެ މޫސުމާ ބެހޭ އިދާރާގެ އެދުމުގެ މަތިން، "ޝިވާއޭ" ކުރާ ދަތުރެއްގެ މައްޗަށް އެކުލަވާލާފައިވާ ކޮމިކެއް ކަމަށް އަޖޭ ވަނީ ބުނެފައެވެ.