ނ. ހޮޅުދޫ މޭނާ ސްކޫލުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރުންނަށް އެރަށު ނައިފަރީ، އައިޝަތު ސިޔާދާ އަދި އެރަށު އާތު، މުހައްމަދު އައުޖު ހޮވިއްޖެ އެވެ.

މޭނާ ސްކޫލުގައި ރޭ ބޭއްވި އެ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި މިދިޔަ އަހަރު ސެކަންޑަރީން ހުރިހާ ގޮތަކަށް އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ސިޔާދާ ވަނީ ގައުމީ ގަދަ 10ގެ ފަސް ވަނައިގާ ހިމެނިފައެވެ.

އަދި ހަޔާ ސެކަންޑަރީން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އައުޖަކީ އޭ ލެވެލް އިމްތިހާނުގެ ގައުމީ ގަދަ 10ގެ ތިން ވަނަ ހޯދައި އެކައުންޓިން އިން ދުނިޔޭގެ އެއް ވަނަ ހޯދާފައިވާ ދަރިވަރެކެވެ. އަދި އޭނާ އަކީ މިދިޔަ އަހަރު މޭނާ ސްކޫލުގެ ކެޕްޓަން އެވެ.

ހޮޅުދޫ މޭނާ ސްކޫލުގެ މިދިޔަ އަހަރު ހަޔާ ސެކަންޑަރީ އިން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އައުޖުގެ ފަރާތުން އޭނާގެ މަންމައަށް ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނާ ރަފިއްޔާ އެވޯޑް ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ އަލީ އާތިފް

އެ ދަރިވަރުންނަށް އިނާމުތައް ހަވާލުކޮށްދެއްވީ ރޭގެ ޝަރަފްވެރި މެހެމާނާ އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ރީޖަނަލް އެލަޔަންސް ފޯ ފޮސްޓެރިންގް ޔޫތް (ރަފީ) ޖަމިއްޔާގެ ފައުންޑިން ޕްރެޒިޑެންޓް އައިޝަތު ރަފިއްޔާ އެވެ.

މޭނާ ސްކޫލުން މިދިޔަ އަހަރުގެ ޖީސީއީ އޯލެވެލް އިމްތިހާނުގައި 18 ދަރިވަރުން ބައިވެރިވި އިރު އިމްތިހާނުން 66.7 ޕަސެންޓް ދަރިވަރުން ވަނީ ފަސް މާއްދާއިން ފާސްވެފައެވެ. އެއީ 2014 ވަނަ އަހަރާ އަޅައިބަލާއިރު 27.7 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް މޭނާ ސްކޫލުން ބުނެއެވެ.

ހޮޅުދޫ މޭނާ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައި އިނާމު ލިބުނު ޓީޗަރަކަށް އެމްޑީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް އިނާމު ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ އަލީ އާތިފް

މީގެ އިތުރުން އޯލެވެލް އިމްތިހާނުގައި އެ ސްކޫލުގެ ތިން ދަރިވަރުން ވަނީ ގައުމީ ގަދަ 10ގައި ހިމެނިފައެވެ. އެކުދިންނަކީ ސެކަންޑަރީން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި ސިޔާދާ އާއި އޯލެވެލް ނެޝަނަލް ޓޮޕް 10ގެ ހަތަރު ވަނަ ހޯދި އައިޝަތު ވަސްމާ އާއި އެއްވަނައިގައި ހިމެނުނު އަސްޔަދު ހައްމާދެވެ.

އެ ދަރިވަރުންގެ ތެރެއިން އަސްޔަދު ހައްމާދަކީ ގައުމީ ގަދަ10ގެ އެއްވަނައިގައި ހިމެނުނު އެ ސްކޫލުގެ ފުރަތަމަ ދަރިވަރެވެ. އަދި އޭނާ ވަނީ ބިޒްނަސް ސްޓަޑީސް މާއްދާ އިން ދުނިޔޭގެ ފަސް ވަނަ ވެސް ހޯދައިފައެވެ.

ހޮޅުދޫ މޭނާ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައި އިނާމު ލިބުނު ޓީޗަރަކަށް އެމްޓީސީސީގެ ޗެއާމަން ހުސައިން ސާލިމް އިނާމު ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ އަލީ އާތިފް

ފައުންޑޭޝަނުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައި ދެމުން އަންނަ ހޮޅުދޫ މޭނާ ސްކޫލު ހުޅުވީ 1947 ވަނަ އަހަރު އެވެ. އަދި ވޭތުވެދިޔަ 72 އަހަރުގެ ދިގު ތާރީހުގައި އެހެން ސްކޫލުތަކާ ވާދަކޮށް ގިނަ ވަނަތަކަށް ހޯދަމުން އަންނަ އެ ސްކޫލަކީ ނ. އަތޮޅުގައި ފާހަގަކޮށްލެވޭ ސްކޫލެކެވެ.

ގައުމީ ގަދަ10ގެ އެއްވަނާގައި ހިމެނުނު މޭނާ ސްކޫލުގެ ފުރަތަމަ ދަރިވަރު، އަސްޔަދު އަށް ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނާ ރަފިއްޔާ އެވޯޑް ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ އަލީ އާތިފް

އެގޮތުން ކިޔެވުމުގެ ދާއިރާއިން މޮޅެތި ދަރިވަރުންނަށް ، ރޭގެ ރަސްމިއްޔާތުގައި އިނާމު ދީފައިވާއިރު، ދަރިވަރުންނަށް ކިޔަވައިދެއްވި ޓީޗަރުންގެ ތެރެއިން ފާހަގަކޮށްލެވޭ ޓީޗަރުންގެ އަގުވަޒަންކޮށް ވަނީ އެވޯޑް ދީފައެވެ. އަދި އެކި ކަހަލަ މުބާރާތްތަކުގައި ބައިވެރިވެ ސްކޫލަށް ރީތި ނަން ހޯދައިދިން ދަރިވަރުންނަށް ވެސް ވަނީ އެ ރަސްމިއްޔާތުގައި އެވޯޑް ދީފައެވެ.