07 Oct 2016, 21:47
ސެމްސަންގެ އެންމެ ފަހުގެ އުފެއްދުން ކަމުގައިވާ ނޯޓް 7 ގައި މައްސަލަ ދިމާވި ނަމަވެސް އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެކުންފުނީގެ ފައިދާ މަތިވާނެ ކަމަށް އެކުންފުނިން ލަފާކޮށްފިއެވެ.
ޖުލައިމަހާއި ސެޕްޓެމްބަރު މަހާ ދެމެދު އެކުންފުނީގެ ފައިދާ މަތިވާނެ ކަމަށް ލަފާކޮަށްފައިވަނީ 5.6 ޕަސެންޓަށެވެ. އެއީ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު ހަތް ބިލިއަން ޑޮލަރުގެ ކުރިއެރުމެކެވެ.
ޚަބަރުތައް ބުނާ ގޮތުގައި މި ކުރިއެރުން ލިބުމަށް މަގުފަހިވެފައިވަނީ އެކުންފުނީގެ ޗިޕް އަދި ޑިސްޕްލޭ ވިޔަފާރީގެ ސަބަބުންނެވެ.
ފައިދާ އިތުރުވާނެ ކަމަށް އެކުންފުނިން ލަފާކޮށްފައިވާއިރު ސެމްސަންގެ އިން ވަނީ ގެލެކްސީ ނޯޓް 7 ގެ ފޯނު ތައް އަނބުރާ ނަގަން ފަށާފައެވެ. އަދި އަލުން އެ ސީރީސްގެ ފޯނުތައް ނެރުމަށް ވަނީ ހަމަޖައްސާފައެވެ.
ނޯޓު 7 އަށް ދިމާވެފައިވާ މައްސަލައަކީ ފޯނުގެ ބެޓަރީތައް ގޮވާ މައްސަލައެވެ. މިކަމާ ގުޅިގެން ބައެއް އެއާލައިންތަކުން ވަނީ ނޯޓް 7 ގެ ފޯނުތައް ފްލައިޓަށް ނޭރުވޭނެ ކަމަށް އަންގާފައެވެ.
ތިން ވަނަ ކުއާޓަރުގައި ފައިދާ ވާނެ ކަމަށް ސެމްސަންގް އިން ބުނެފައިވީ ނަމަވެސް ބައެއް ފަރާތްތަކުން ބުނެފައިވަނީ ނޯޓް 7 އަށް ދިމާވި މައްސަލައިގެ ސަބަބުން އެކުންފުންޏަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ ކަމަށެވެ.