07 Oct 2016, 19:58
އަންނަ މަހުގެ ތެރޭގައި ޕާކިސްތާނުގައި ބާއްވަން އޮތް ސާކް ސަމިޓު، ސްރީލަންކާގެ ސަރުކާރުން ބޯއިކޮޓު ނުކުރާ ކަމަށް އެގައުމުން ބުނެފިއެވެ.
ކަޝްމީރުގައި އިންޑިއާގެ މިލިޓަރީ ބޭސްއަކަށް ބަޔަކު ހަމަލާ ދިނުމުން އެކަން ޕާކިސްތާނުގެ ބޮލުގައި އަޅުވައި، އިންޑިއާއިން ބުނީ ސާކް ސަމިޓަށް ނުދާނެ ކަމަށެވެ. އިންޑިއާގެ ފަހަތުން ބަންގްލަދޭޝް، ބޫޓާން އަދި އަގްފާނިސްތާނުން ވެސް ސާކް ސަމިޓަށް ނުދާނެ ކަމަށް ބުންޏެވެ.
ހަތަރު ގައުމަކުން ސަމިޓު ބޯއިކޮޓް ކުރުމުން، ސާކްގެ މިދައުރުގެ ޗެއާ ކަމުގައިވާ ނޭޕާލުން ވަނީ ބަޔާނެއް ނެރި، ސަމިޓު ފަސްކޮށް، އެ ބާއްވާނެ އެހެން ތަނެއް ހަމަޖައްސާނެ ކަމަށް ބުނެފައެވެ.
މިކަމާ ގުޅިގެން ސްރީލަންކާއިން ވެސް ބަޔާނެއް ނެރުމުން ގިނަ ބަޔަކު ބުނީ ލަންކާއިން ވެސް ސަމިޓު ބޯއިކޮޓް ކުރީ ކަމަށެވެ.
މިކަމާ ގުޅިގެން އެގައުމުގެ ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު މަންގަލަ ސަމަރަވީރަ ވިދާޅުވީ ސާކް ސަމިޓުގައި ބައިވެރި ނުވާނެ ކަމަށް ލަންކާއިން އެއްވެސް އިރަކު ނުބުނާ ކަމަށެވެ.
މިނިސްޓަރު ސަމަރަވީރަ ވިދާޅުވީ ސާކްގެ ޗާޓަރު ބުނާ ގޮތުގައި، ސާކް ސަމިޓުގެ ހުރިހާ ނިންމުމެއް ވެސް ނިންމަން ޖެހޭނީ ހުރިހާ ގައުމަކުން އެކަމަށް ތާއީދު ކޮށްގެން ކަމަށެވެ.
"އެހެންކަމުން، ސާކް ސަމިޓަކަށް ނާދެވޭނެ ކަމަށް ގައުމަކުން ބުނެފި ނަމަ، އެ ސަމިޓެއް ނުބޭއްވޭނެ. އެހެންވެ ލަންކާއިން ސާކް ސަމިޓު ބޯއިކޮޓް ކުރާކަށް ނުވެސް ޖެހޭނެ. ނުބާއްވާ ސަމިޓަކަށް ލަންކާއިން ވެސް ނުދާނެ ދެއްތޯ،"
"އަޅުގަނޑުމެންގެ ބަޔާނުގައި ބުނެފައިވާނީ ސާކް ސަރަހައްދުގައި ސަމިޓު ބޭއްވޭނެ މާހައުލެއް ނެތުމާއި ގިނަ ގައުމުތަކަކުން ސަމިޓަށް ނުދާނެކަން އިއުލާން ކުރުމުން އެކަމާ ހިތާމަކުރާ ވާހަކަ. އަދި ސަރަހައްދީ އަމާންކަމާއި ރައްކާތެރިކަން ދަމަހައްޓައި، ސަރަހައްދީ އެއްބާރުލުން ދިނުމަށް ރަނގަޅު މާހައުލެއް ގާއިމުކުރުމަށް ފިޔަވަޅުތަކެއް އެޅޭނެކަމަށް އުންމީދުކުރާ ވާހަކަ،" ލަންކާގެ ފޮރިން މިނިސްޓަރު، އެގައުމުގެ ޕާލަމެންޓުގައި ވިދާޅުވިއެވެ.
މިނިސްޓަރު ސަމަރަވީރަ ވިދާޅުވީ، ލަންކާ ސަރުކާރު އޮތީ ސަރަހައްދީ އެއްބާރުލުން ދިނުމަށާއި، ކޮންމެ ވަގުތެއްގައި 19 ވަނަ ސާކް ސަމިޓު ބާއްވާ ކަމުގައި ވިޔަސް ލަންކާއިން އެ ސަމިޓުގައި ބައިވެރިވާނެ ކަމަށެވެ.
"އަޅުގަނޑު އުންމީދުކުރަނީ ސަރަހައްދޫ ގައުމުތަކުގެ އިސްވެރިން ގުޅިގެން މައްސަލަތައް ހައްލުކޮށް، މާޒީ ހަނދާން ނައްތާލައި، ހެޔޮ ހިތަކާ އެކު ކުރިޔަށް ދިއުމަށް،" ފޮރިން މިނިސްޓަރު މަންގަލަ ސަމަރަވީރަ ވިދާޅުވިއެވެ.