ހެއިޓީ އަށް އެރި ބާރުގަދަ ތޫފާނެއްގައި 400 އަށް ވުރެ ގިނަ މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ޚަބަރުތައް ބުނާ ގޮތުގައި ތޫފާން މެތިއުގެ ސަބަބުން ހެއިޓީގެ ޖެރެމީގެ 80 ޕަސެންޓް އިމާރާތް ވަނީ އެކުގައި ބިމާ ހަމަވެފަ އެވެ. ސުދް ޕްރޮވިންސް އިން 3000 އެއްހާ ގެ ބިމާ ހަމަވެފައިވާއިރު މި ތޫފާނަކީ މިދިޔަ 10 އަހަރު ދުވަސް ތެރޭ ކެރޭބިއަން ސަރަހައްދަށް އެރި އެންމެ ވަރުގަދަ ތޫފާނެވެ.

ހެއިޓީގެ ރަށެއް ކަމަށްވާ ރޯޝާ ބަޓީއު އިން އެކަނިވެސް 50 މީހުން މަރުވެފައިވާއިރު މި ތޫފާނު މިހާރު ދަތުރު ކުރަމުން ދަނީ ގަޑިއަކު 120 މީޓަރު ބާރު މިނުގެ ވަޔާ އެކު އެމެރިކާގެ ފްލޮރިޑާއާ ދިމާއަށެވެ.

ހެއިޓީ އަށް ތޫފާން އެރި ހިސާބުތަކުން މުވާސަލާތީ ގުޅުން ކެނޑި އަދި ކަަރަންޓުގެ ޚިދުމަތް ވެސް ވަނީ ކެނޑިފަ އެވެ.

އދ. ގެ ކޯޑިނޭޝަން އޮފް ހިއުމަނެޓޭރިއަން އޮފީހުން ހާމަ ކޮށްފައިވާ ގޮތުގައި އެހީ ބޭނުން ވާ ތިން ލައްކަ އަށްވުރެ ގިނަ މީހުން ހެއިޓީގެ އެކި ސަރަހައްދުތަކުގައި އެބަ ތިއްބެވެ. އެފަރާތްތަކަށް ކުއްލި އެހީގެ ގޮތުގައި 6.9 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ރެޑްކްރޮސްއިން ވަނީ ބުނެފައެވެ.