ގ. ސާލިމިއްޔާގައި އަލިފާން ރޯވެ އެނދުމުން ހާލުގައި ޖެހުނު އާއިލާތައް ދާއިމީ ހިޔާވައްސަކަށް ބަދަލު ކުރުމަށް މަލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މާލޭ ސިޓީ ކައުންސިލް އިންބުނެފި އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ގ. ސާލިމިއްޔާގައި ހިނގި ނުރައްކާތެރި އަލިފާނުގައި ހާދިސާގައި ހާލުގައި ޖެހި ސޯޝަލް ސެންޓަރުގެ ވަގުތީ ހިޔާގައި ތިބި މީހުންނާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލް އިން މިއަދު ބުނީ އެގޭގައި ދިރިއުޅުނު ގިނަ މީހުންނަކީ ސާލިމިއްޔާގޭގައި ކުއްޔަށް އުޅުނު މީހުން ކަމަށް ވާތީ އެމީހުން ކުއްޔަށް ހިފާނެ ތަނެއް ހޯދުމަށް މިހާރު ލަފާދީފައިވާ ކަމަށެވެ. އަދި އެމީހުން ތަނެއް ހޯދުމުން ކޮންމެ އާއިލާއަކަށް ވެސް އެއް މަހުގެ ކުއްޔާއި އަދި ގެއަށް ބޭނުންވާ ބައެއް ސާމާނު ގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.


"އެބޭފުޅުންނަށް އަޅުގަނޑުމެން މި ހަމަޖައްސައިދިނީ އެގޮތަށް. އޭގެ ތެރެއިން ގިނަ ބޭފުޅުން ނަކީ ކުއްޔަށް އުޅޭ ބޭފުޅުންކަމަށް ވާތީ،" ސާލިމިއްޔާ ގޭގެ މީހުންގެ ކަންތައްތައް ވިލަރެސް ކުރައްވާ މާލޭ ސިޓީ ކައުންސިލްގެ މެންބަރު މުހަންމަދު ފަލާހު ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލް އިން މިހާރު ވެސް އަންނަނީ ވަގުތީ ހިޔާގައި ތިބި މީހުންނަށް ކޮންމެ ދުވަހަކު ވެސް ކާބޯ ތަކެއްޗާއި ފެން ފޯރުކޮށްދެމުންނެވެ. އެމީހުންނަށް އެހީވުމަށްޓަކައި އެމްޑީޕީން ވެސް ވަނީ ފަންޑް ފޮއްޓެއް ހުޅުވައިފަ އެވެ.