07 Oct 2016, 16:51
މެނީލާ (އޮކްޓޯބަރ 7) : އެމެރިކާއަކީ ތަރައްގީއަށް އެހީ ދޭ ގައުމެއް ނޫންކަމަށާ އެމެރިކާ ދޭ އަސްކަރީ އެހީތައް ނުލައިވެސް ފިލިޕީންސަށް އުޅެވިދާނެ ކަމަށް އެގައުމުގެ ދިފާއީ ވަޒީރު ޑިލްވިން ލޮރިންޒަނާ ވިދާޅުވެއްޖެއެވެ.
މެނީލާގައި ބޭއްވި ކުރިޔަށްދާ ނޫސްވެރިންގެ ފޯރަމެއްގައި ވާހަކަ ދައްކަވަމުން ލޮރިންޒަނާ ވިދާޅުވީ އެމެރިކާއިން މިހާތަނަށް ދިން އެހީއެއް ދީފައިވަނީ އަސްކަރީ ކަންކަމަށް ކަމަށާއި ފިލިޕީންސަށް ބޭނުންވާ މަދަނީ ތަރައްގީއަށް އެމެރިކާގެ ވަރަށް ކުޑައެހީއެއްނޫނީ ނުލިބޭކަމުގައެވެ. އެހެންކަމުން އެމެރިކާއަކީ ތަރައްގީގެ ބައިވެރިއެއްނޫން ކަމަށާއި އެމެރިކާއަކީ އެގައުމުގެ އަމިއްލަ މަސްލަހަތަށް އެކަނި މަސައްކަތްކުރާ ގައުމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ލޮރެންޒަނާ ވިދާޅުވީ ޕިލިޕީންސަކީ މަސްތުވާތަކެއްޗާހެދި މުޅި މުޖްތަމައު ހަލާކުވާހިސާބަށް ގޮސްފައިވާ ގައުމަކަށްވާތީ ރައީސް ރޮޑްރިގޯ ޑުޓާޓޭ ގެ ސަރުކާރުން އެންމެ އިސްކަމެއްދެނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާމީހުންތައް ހައްޔަރުކޮށް އޭގެ ނެޓްވޯކުތައް މުޅިން ހަލާކުކޮށްލުމަށެވެ. މަސްތުވާ ތަކެއްޗާ ދެކޮޅަށް ރައީސް ޑުޓާޓޭ ފައްޓަވާފައިވާ ހަނގުރާމައަށް އެމެރިކާ ތަކުރާރުކޮށް ފާޑުކިޔައި އެކަމާއި އިންސާނީ ހައްގުތަކާ ގުޅުވަމުންދާތީ ޑުޓާޓޭ ހުންނެވީ އެމެރިކާދެކެ ވަރަށް ހިތްޕުޅު ހަމަޖެހިވަޑައި ނުގެން ކަމަށް ލޮރިންޒަނާ ވިދާޅުވިއެވެ. އެހެންކަމުން މިމައްސަލާގައި އެމެރިކާ ހިތްހަމަ ނުޖެހޭނަމަ ފިލިޕީންސަށް އެމެރިކާ ދޭ ކަނޑާލިޔަސް އެންމެ ރަނގަނޅު ކަމަށް ލޮރިންޒަނާ ވިދާޅުވިއެވެ.
ރައީސް ރޮޑްރިގޯ ޑުޓާޓޭ ގެންދަވަނީ އޭނާގެ ސަރުކާރުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމައަށް ފާޑުކިޔާތީ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މިގޮތުން ޑުޓޭޓޭ ވަނީ އެމެރިކާގެ އަސްކަރީ ބައިވެރިއެއްގެ ގޮތުގައި ދެން ފިލިޕީންސް ނޯންނާނެ ކަމަށާ އެމެރިކާގެ ބަދަލުގައި ދެން އަސްކަރީ ގުޅުންތައް ބަދަހިކުރާނީ ޗައިނާއާއި ރަޝިޔާއާ ކަމަށް ވިދާޅުވެ އެމެރިކާއަށް އިންޒާރު ދެއްވާފައެވެ. އަދި އެމެރިކާ ސިފައިންނާއެކު ފިލިޕީންސުން ބާއްވާ ޚައްސަ ގުޅުންތައްވެސް މިއަހަރު ނިމޭތާނގައި ކަނޑާލާނެ ކަމަށާ އެމެރިކާ ސިފައިންނާއެކު މިދިޔަ ހަފްތާގައި ފިލިޕީންސްގެ ސިފައިން ކުރިޔަށްގެންދިޔައީ ދެގައުމުގެ ސިފައިން ގުޅިގެން ކުރިޔަށްގެންދާނެ އެންމެފަހުގެ އަސްކަރީ ތަމްރީންތައް ކަމަށްވެސް ޑޫޓާޓޭ ވަނީ ވިދާޅުވެފައެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ފާޑުކިޔުންތައް ފިލިޕީންސަށް އިތުރުވަމުންދާތީ އޮބާމާގެ ހަލާކަށްވެސް ޑުޓާޓޭ ވަނީ އެދިވަޑައިގެންފައެވެ. އަދި އެމެރިކާއަކީ އިޚްލާސްތެރި ބައިވެރިއެއްނޫންކަމަށްވެސް ޑުޓާޓޭ ވަނީ ސިފަކުރައްވާފައެވެ.
ފިލިޕީންސަކީ ދެކުނު އިރުމަތީ އޭޝިޔާގައިވާ އެމެރިކާގެ އަސްކަރީ ބައިވެރިއެކެވެ. ޕެސިފިކް ކަނޑުގައިހަރަކާތްތެރިވާ އެމެރިކާގެ ކަނޑުގެ ބާރުތަކަށް އަސްކަރީ ފަސޭހަތައްވެސް ފިލިޕީންސުން ދެއެވެ. ނަމަވެސް އެމެރިކާއާއި ފިލިޕީންސްގެ ގުޅުންތައް ގޯސްވުމާގުޅިގެން މިފުރްސަތުތައް މިހާރު އެމެރިކާއަށް ލިބޭނެ ކަމާމެދުވަނީ ސުވާލު އުފެދިފައެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކާ ދެކޮޅަށް ޑުޓާޓޭ އިއްލާން ކުރައްވާފައިވާ ހަނގުރާމައިގާ ފާއިތުވި ފަސްވަރަކަށް މަސްތެރޭގައި ފިލިޕީންސްގެ ސަލާމަތީ ބާރުތަކުންވަނީ ތިންހާސް މީހުން މަރާލައި އެތަށް ސަތޭކަ ބަޔަކު ހައްޔަރުކޮށްފައެވެ. މަރާލި މީހުންގެ ތެރޭގައި ގިނައީ ޑްރަގް ލޯޑުންނާއި އެމީހުންގެ ގޭންގްތަކަށް ނިސްބަތްވާ މީހުންނެވެ. ލިޕިޕީންސަކީ ކުރިން އެމެރިކާގެ އިސްތިޢްމާރުގެ ދަށުގައިވެސް އޮތް ގައުމެއް ކަމުން އެއީ ދެކުނު އިރުމަތީ އޭޝިޔާގެ އެހެން ގައުމުތަކަށްވުރެ އެމެރިކާއާ އަސްކަރީ ގުޅުންތައް ބޮޑު ގައުމެކެވެ. ނަމަވެސް ދެކުނު އިރުމަތީ އޭޝިޔާގައި ހިމެނޭ އެންމެ ފަގީރު އަދި އެންމެ ތަރައްގީނުވާ އެއްގައުމަކީ ޕިލިޕީންސްއެވެ. (ނޫސްއެޖެންސީތައް)