ފެނަކާ އަށް ބޭނުންވާ އެއް މިލިއަން ޑަޮލަރު ގަތުމަށް 17 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ އެކުންފުނީގެ ބޯޑުން ނިންމާފައިވާ ގޮތާ އެއްގޮތަށް ކަމަށާއި، ނަމަވެސް އެފައިސާ އަދިވެސް ނުލިބޭ ކަމަށް ފެނަކާއިން ބުނެފިއެވެ.

ފެނަކާގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެކުންފުނީގެ އެމްޑީ އަހުމަދު ޝަރީފު ވިދާޅުވީ ޑޮލަރު ގެއްލުމާ ގުޅިގެން ފުލުހުން ދަނީ އެމައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ. ނަމަވެސް ކުންފުނީގެ އެތެރޭގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި އެފައިސާ ދޫކޮށްފައިވަނ،ީ ބޯޑުން ޑޮލަރު ދޫކުރަން ނިންމާފައިވާ ގޮތާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަން ފެނަކަ ތެރެއިން ކުރިއަށް ގެންގޮސްފައިވަނީ ބޯޑުން ނިންމާފައިވާ އުސޫލާ އެއް ގޮތަށް. އަޅުގަނޑުމެންގެ ލިޔެކިއުމުން ބޯޑުން ޑޮލަރު ގަތުމަށް ކަނޑައަޅާފަ އޮތް އުސޫލާ އެއްގޮތަށް ގެންގޮސްފަ އޮތް ކަމަށް ލިޔެކިއުމުން ފާހަގަކުރެވެން އޮތީ،" ޝަރީފް ވިދާޅުވިއެވެ.

ފެނަކާއިން އެ ފައިސާ ދޫކޮށްފައިވަނީ އެކުންފުންޏަށް ބޭނުންވާ އެއް މިލިއަން ޑޮލަރު، ލޯންޗުގެ ޚިދުމަތްދޭ ކުންފުންޏެއް މެދުވެރިކޮށް ގަތުމަށެވެ.

ޝަރީފް ވިދާޅުވީ އެ މައްސަލައަކީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށްވާތީ އެމަސައްލައާ ގުޅޭ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ ވަރަސް ގިނަ ޕްރޮޖެކްޓުތަކަށް ދިމާވެފަ އޮތް އެންމެ ބޮޑު އުނދަގުލަކީ ޑޮލަރު ލިބުމުގެ ދަތިކަން. އަޅުގަނޑުމެންނަކީ ވަރަށް ގިނަ އަަދަދަކަށް ޑޮލަރު ބޭނުންވާ ބައެއް. އަޅުގަނޑުމެންގެ ޕްރޮޖެކްޓެއް 172،000 ޑޮލަރު ނުލިބިގެން ކުރިއަށް ނުގެންދެވިގެން މިހާރުވެސް މިއުޅެނީ. ސަރުކާރުން މި އަދަދަށް ޑޮލަރު ހަމަޖައްސާނެ ކަމަށް ވިދާޅުވެފަ އެބަ އޮތް،" އެކުންފުންޏަކީ ޑޮލަރު ގަންނަ ކުންފުންޏެއް ކަމަށް ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ގެއްލިފައިވާ 17 މިލިއަން ރުފިޔާއަށް ޒިންމާ ވާން ޖެހޭ ފަރާތެއް އެނގޭނީ ފުލުހުންގެ ތަހުގީގު ނިމުމުން ކަމަށެވެ.

މި މައްސަލާގައި ފުލުހުން ވަނީ މީހަކު ހައްޔަރުކޮށް ތަހުގީގު ފަށާފައިވާއިރު އެކުންފުނީގެ ކުރީގެ އެމްޑީ މުހައްމަދު ނިމާލް މަގާމުން ވަކިކޮށްފައިވަނީ މި މައްސަލަ ދިމާވިތާ މާ ގިނަ ދުވަހެއް ނުވަނީސް އެވެ.

އެފައިސާއަށް ވީ ގޮތެއް އަދި ސާފު ވެފައި ނެތް އިރު ޝަރީފް އިއްޔެ ވިދާޅުވީ އެ މައްސަލައިގެ ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ފޯރުކޮށްދީފައި ނުވާ ކަމަށެވެ.